ލީކުވެގެން އުޅޭ ވީޑިއޯތަކާއި ބްލެކްމެއިލްކުރުމުގެ މައްސަލަ ބަލަން ބޭރުގެ އެއްވެސް ތަހުޤީޤީ އިދާރާއެއްގެ ނުހޯދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިކަން ހާމަކޮށްފައި މިވަނީ މިހާރު ފެންމަތިވެގެން އުޅޭ ވީޑިއޯތަކުގެ މައްސަލައާއި ބްލެކްމެއިލްކުރުމުގެ މައްސަލަ ތަހުޤީޤްކުރުމަށް އިންޑިއާގެ ތަހުޤީޤީ އިދާރާއެއްގެ އެހީ ހޯދަމުންދާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެނެވެ.
We would like to clarify that there is no involvement of any foreign counterparts in the investigation of the blackmailing and leaked video cases. These cases are being investigated by Serious and Organized Crime Department of Maldives Police Service.
— Maldives Police (@PoliceMv) June 29, 2022
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރި ޓްވީޓެއްގައި ވިދާޅުވީ ލީކުވެގެން އުޅޭ ވީޑިއޯތަކުގެ މައްސަލައާއި ބްލެކްމެއިލްކުރުމުގެ މައްސަލަ ތަހުޤީޤްކުރުމުގައި ބޭރުގެ އެއްވެސް ތަހުޤީޤީ އިދާރާއެއްގެ އެހީ ނުހޯދާކަމަށެވެ. އަދި އެމައްސަލަތައް ތަހުޤީޤްކުރަމުންދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލީކުވެގެން އުޅޭ ވީޑިއޯތަކުގެ މައްސަލައިގައި އިންޑިއާގެ ސީބީއައިގެ ޓީމެއް ދަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ.