ޚަބަރު

ހޯނޑެއްދޫއާއި މަޑަވެލީގެ އިންޖީނުގޭގެ ބިންގާ އަޅައިފި


ގދ. ހޯނޑެއްދޫއާއި ގދ.މަޑަވެލީގައި އަޅާ އައު އިންޖީނުގޭގެ އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ހޯނޑެއްދޫއާއި މަޑަވެލީގައި ޤާއިމްކުރާ ސެންޓްރަލް ޕަވަރ ހައުސް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދާއި ހޯނޑެއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވާރިސްއެވެ.

ހޯނޑެއްދޫ އާއި މަޑަވެއްޔަށް ދިމާވާ ކަރަންޓުގެ މައްސަލަތައް ޙައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގައި ހިމެނޭ މިމަސައްކަތުގެ ބޮޑުބައި 6 މަސް ދުވަހުގެ ތެރޭގައި ނިމެނޭކަމަށް ހޯނޑެއްދޫ ކައުންސިލުން ވިދާޅުވެއެވެ.

ހޯނޑެއްދޫގެ ކައުންސިލްގެ ރައީސް މުހައްމަދު ވާރިސް ވިދާޅުވީ އިންޖީނުގެ އައު ކުރުމުގެ އިތުރުން ރަށުގެ ކަރަންޓް ނެޓްވޯކްތައްވެސް މިމަޝްރޫޢުގެ ދަށުން އަޕްގްރޭޑް ކުރެވިގެންދާނެކަމަށެވެ. އަދި މި މަޝްރޫޢާއެކު ރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް ވަރަށްބޮޑު ލުއި ފަސޭހަކަމެއް ލިބި، ޒަމާނީ ނިޒާމެއްގެ ތެރެއިން ޔަޤީންކަމާއެކު ޚިދުމަތް ދެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހޯނޑެއްދޫއާއި މަޑިވެލިން ކަރަންޓު ދިނުމަށްޓަކައި މިހާރު ބޭނުންކުރާ އިންޖީނުގެ ހުރިތަނުގެ ސަބަބުން އެހިސާބުގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ. އެކަން ޙައްލުކޮށްދެއްވާނެކަމުގެ ޔަޤީން ސަރުކާރުންވަނީ ކުރިންވެސް އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.