ދުނިޔޭގެ ވިޔަފާރި

މިދިޔަ އަހަރު އޯޕެކް ޤައުމަތަކަށް ތެލުން ލިބުނު އާމްދަނީ އިތުރުވެއްޖެ


އޮގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގް ކަންޓްރީޒް (އޯޕެކް) ޤައުމުތަކަށް މިދިޔަ އަހަރު ތެލުން ލިބުނު ޢާމްދަނީ އިތުރުވެއްޖެއެވެ.

ތެލުން ލިބުނު އާމްދަނީ އިތުރުވީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ދަށްވެފައިވާ ތެލުގެ ޑިމާންޑު އިތުރުވުމުންނެވެ.

އޯޕްކެގެ އެނުއަލް ސްޓެޓިސްޓިކް ބުލެޓިންއިން އާންމުކޮށްފައިވާގޮތުގައި އޯޕެކްގެ މެމްބަރު 13 ޤައުމުން މިދިޔަ އަހަރު ތެޔޮ އެކްސްޕޯޓުކޮށްފައިވާ އަގު ވަނީ 561 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. މިއީ 2020 ވަނަ އަހަރާއި އަޅާބަލާއިރު %77 ގެ ކުރިއެރުމެކެވެ.

އިންވެސްޓްމަންޓްތައް މަދުވުމުގެ ސަބަބުން އޯޕެކް އަންނަނީ އެމީހުންގެ ޓާގެޓާއި އެއްވަރަށް ތެޔޮ އުފެއްދުމުގައި ދަތިތަކަކާއި ކުރިމަތިލަމުންނެވެ. އަދި ޑިމާންޑާއި އެއްވަރަށް ތެޔޮ އުފެއްދޭގޮތް ނުވުމުގެ ސަބަބުން ތެލުގެ އަގު މިއަހަރު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

މިދިޔަ އަހަރު މެމްބަރު ޤައުމުތަކުގައި ހުރީ 1588 ތެޔޮ ވަޅެވެ. އޭގެކުރީ އަހަރާއި އަޅާބަލާއިރު މިއަހަރު ވަނީ 280 ވަޅު މަދުވެފައެވެ. އަދި މިދިޔަ އަހަރަކީ 2017 ގެ ފަހުން ތެޔޮވަޅުތައް އެންމެ މަދުވި އަހަރެވެ.

މެމްބަރު ޤައުމުތަކުގެ ތެރެއިން ވެނުޒުވޭލާ، އިކުއެޓޯރިއަލް ގިނީ، އެންގޯލާ އަދި އީރާން ފިޔަވައި އެހެން ހުރިހާ ޤައުމުތަކެއްގައިވެސް ތެޔޮ ވަޅުތައް ވަނީ މަދުވެފައެވެ.

ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގު އުފުލެން މެދުވެރިވި މައިގަނޑު އަނެއް ސަބަބަކީ ރަޝިއާއިން ގަންނަ ތެލުގެ މިންވަރު ވަރަށް ބޮޑުތަނުން މަދުކުރަން ޔޫރަޕިއަން ޔޫނިއަނުން ނިންމުމާއި ގުޅިގެންނެވެ.

އަންނަ ޖުލައިމަހު 648000 ( ހަ ސަތޭކަ އަށްޑިހަ ހާސް) ފީފާ ދުވާލެއްގެ މައްޗަށް އުފައްދަން އޯޕެކް ޤައުމުތަކާއި ރަޝިއާ ހިމެނޭ އޯޕެކް ޕްލަސްއިން މިހާރު ވަނީ އެއްބަސްވެފައެވެ.