ޚަބަރު

އުރުދުންގައި ހިނގި ހާދިސާއާ ގުޅިގެން މިނިސްޓަރ ޝާހިދު ހަމްދަރުދީ ފާޅުކުރައްވައިފި


ޢުރުދުންގެ އަޤަބާގެ ބަނދަރުގައި ކުލޮރިން ގޭސް ރައްކާކޮށްފައި ހުރި ތާނގީއެއް ވެއްޓި، ގޭސް ލީކުވެ ހިނގި ހާދިސާއެއްގައި 13 މީހުން މަރުވެ އެތައްބަޔަކު ޒަޚަމްވުމާއި ގުޅިގެން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ހަމްދަރުދީ ފާޅުކުރައްވައިފިއެވެ.

ރަތްކަނޑުގެ އައްސޭރީގައި އޮންނަ ޢަޤަބާގެ ބަނދަރުގައި އޮތް ކާގޯ ބޯޓަކަށް އެރުވުމުގެ މަސައްކަތްކުރަނިކޮށް، ކްލޮރިން ގޭސް ޓޭންކެއް ވެއްޓި، އޭގައި ހުރި ވިހަ ގޭސްތައް އެސަރަހައްދަށް ލީކުވި ހާދިސާގައި 13 މީހަކު މަރުވެ، ސަތޭކައަށްވުރެ ގިނަ މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

މި ހާދިސާ ހިނގާފައި ވަނީ، އެ ޤައުމުން އެކްސްޕޯޓް ކުރަން ތައްޔާރުކޮށްފައިވާ ޓޭންކެއް މުދާ އުފުލާ ބޯޓަކަށް ބަރުކުރަން އުޅުމުގެ ތެރޭގައި ތާނގީ ވެއްޓުމުގެ ސަބަބުންނެވެ. އެ ތާނގީގައި އެ ވަގުތު 25 ޓަނުގެ ކުލޮރިން ގޭސް ހުރިކަމަށް ޢުރުދުންގެ އޮފިޝަލުން ބުނެއެވެ.

މިނިސްޓަރ ޝާހިދު ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، ފަރުވާ ދެމުންދާ ފަރާތްތަކަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކުރައްވާކަމަށް ވިދާޅުވެފައެވެ.

ކުލޮރިންއަކީ، "ޑިސްއިންފެކްޓް" ކުރުމާއި، ސާފު ކުރުމަށް ބޭނުންކުރާ އެއްޗެކެވެ. ނަމަވެސް، ކުލޮރިން ގޭހުގެ އަސަރު ނޭވާލާ ނިޒާމުގެ ތެރެއަށް ވާސިލުވުމަކީ، ވަރަށް ނުރައްކާތެރި ކަމެކެވެ. މި ގޭސް ހަށިގަނޑުގެ ތެރެއަށް ވާސިލުވެއްޖެ ނަމަ، ހައިޑްރޯކްލޮރިކް އެސިޑަށް ބަދަލުވެ، ފުއްޕާމޭގައި ފެން ހެދި، އެތެރެހައްޓަށް ގެއްލުން ލިބޭނެއެވެ.