ދުނިޔެ

ކުލޮރިން ގޭސް ލީކުވެ ޢުރުދުންގައި 12 މީހުން މަރުވެއްޖެ


ޢުރުދުންގެ އަޤަބާގެ ބަނދަރުގައި ކުލޮރިން ގޭސް ރައްކާކޮށްފައި ހުރި ތާނގީއެއް ވެއްޓި ގޭސް ލީކުވެ ހިނގި ހާދިސާއެއްގައި 12 މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި އިތުރު 251 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބި، ފަރުވާ ދޭން ޖެހުނެވެ. ބައެއް މީހުންނަށް ހޮސްޕިޓަލުތަކުގައި އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.

މި ހާދިސާ ހިނގާފައި ވަނީ، އެ ޤައުމުން އެކްސްޕޯޓް ކުރަން ތައްޔާރުކޮށްފައިވާ ޓޭންކެއް މުދާ އުފުލާ ބޯޓަކަށް ބަރުކުރަން އުޅުމުގެ ތެރޭގައި ތާނގީ ވެއްޓުމުގެ ސަބަބުންނެވެ. އެ ތާނގީގައި އެ ވަގުތު 25 ޓަނުގެ ކުލޮރިން ގޭސް ހުރި ކަމަށް ޢުރުދުންގެ އޮފިޝަލުން ބުނެއެވެ.

ޢުރުދުންގެ ބޮޑުވަޒީރު ބިޝާރް އަލްޚަސައުނާ ވަނީ، މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކާއި، އަނިޔާވި މީހުންނަށް ޒިޔާރަތް ކުރައްވާފައެވެ. އަދި، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް އޭނާ ވަނީ ތަހުޤީޤީ ޓީމެއް އެކުލަވައިލައްވާފައެވެ.

މި ހާދިސާ ހިނގި ވަގުތު އެހެން ބޯޓުފަހަރަށް ކާބޯތަކެއްޗާއި ގޮވާމުގެ ބާވަތްތައް ބަރުކުރަމުން ގޮސްފައި ނުވި ނަމަވެސް، ބަނދަރުގައި ގޮވާން ފަދަ ތަކެތި ރައްކާކޮށްފައި ހުރި ތަންތަނަށް ގޭހުގެ އަސަރު ކޮށްފައިވޭތޯ ބެލުމަށް ވެސް އޮފިޝަލުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ކުލޮރިންއަކީ، "ޑިސްއިންފެކްޓް" ކުރުމާއި، ސާފު ކުރުމަށް ބޭނުންކުރާ އެއްޗެކެވެ. ނަމަވެސް، ކުލޮރިން ގޭހުގެ އަސަރު ނޭވާލާ ނިޒާމުގެ ތެރެއަށް ވާސިލު ވުމަކީ، ވަރަށް ނުރައްކާތެރި ކަމެކެވެ. މި ގޭސް ހަށިގަނޑުގެ ތެރެއަށް ވާސިލުވެއްޖެ ނަމަ، ހައިޑްރޯކްލޮރިކް އެސިޑަށް ބަދަލުވެ، ފުއްޕާމޭގައި ފެން ހެދި، އެތެރެހައްޓަށް ގެއްލުން ލިބޭނެއެވެ.