ޚަބަރު

ފުރަބަންދުކުރުމުގެ ވިސްނުމެއް ނެތް، އެއީ ހައްލެއްނޫން: ނަސީމް


ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި ކޯވިޑްގެ ކޭސްތައް އިތުރުވަމުން ދިޔަނަމަވެސް، މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ކުރިއަށް ދިއުމަކީ އެންމެ ރަނގަޅުގޮތްކަމަށާ، ފުރަބަންދަކާސް ދިއުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާކަމަށް ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ ރާއްޖޭގެ ކޯވިޑްގެ ހާލަތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ކޯވިޑްގެ އަދަދުތައް އަނެއްކާވެސް އިތުރުވާން ފަށާފައިވަނީ މިމަހުގެ ކުރީކޮޅުން ފެށިގެންނެވެ. މިދިޔަ ހަފްތާގައި ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދުވަނީ 1200އަށްވުރެއް މައްޗަށް އަރާފައެވެ. މިދުވަސްވަރު ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ މީހުން ގިނައިން އުޅޭ ތަންތަނުގައި އުޅޭއިރު މާސްކްއެޅުމަށާއި ދަތުރުފަތުރު ކުރާއިރު ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގައި ކޯވިޑްގެ ކޭސްތައް އިތުރުވަމުންދާތީ އިތުރު ފުރަބަންދަކަށް ހިނގައިދާނެތޯ މެމްބަރު ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ނަސީްމ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ހާލަތަށާއި އާންމު ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، ފުރަބަންދުކުރުމަކީ ސަރުކާރުން ގެންގުޅޭ ވިސްނުމެއް ނޫންކަމަށެވެ.

"ކޮރޯނާ ވައިރަސްގެ ކަންތަކުގައި އަޅުގަނޑުމެން ލޮކްޑައުން ހަދާކަށް އަދިއެއް ގަސްތު ކުރެވިފައިނުވޭ. އެއްގޮތަކަށްވެސް އެއީ އަޅުގަނޑުމެން ބޭނުންވާ ކަމެއްވެސް ނޫން ކުރާކަށް އިގޭތޯ. ދިވެހި ރާއްޖޭގެ އިޤްތިޞާދީ ހުރިހާކަމެއް ރަނގަޅަށް ހިނގަންޖެހޭނެ. ކޮރޯނާ ވައިރަސްއާއެކީ އުޅެން ދަސްކުރަންޖެހޭނެ. އަޅުގަނޑުގެ ނަސޭހަތަކީ ހުރިހާ ބޭފުޅުންވެސް މިހެން ބަދުވެފައި ހުންނަ ތަންތަނުގައި އުޅެއިރު ތަންކޮޅެއް ބޮޑަށް ވިސްނާލުން" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

ވޭތުވެދިޔަ ހަފްތާގައި ރާއްޖޭގައި ކޯވިޑްގެ ޕޮޒިޓިވް އަދަދުތައްވަނީ ވަރަށްބޮޑަށް މައްޗަށް ގޮސްފައެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފްތާގައި ކޯވިޑުގެ 1202 ކޭސް ރިޕޯޓްކުރިއެވެ. އޭގެ ކުރީ ހަފްތާގައި މިއަދަދު ހުރީ 400ގައެވެ.

ކޯވިޑް ޖެހިގެން އެޑްމިޓް ކުރަމުންދާ މީހުންގެ ޢަދަދުވެސްވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި މިބައްޔަށް ޕޮޒިޓިވްވެގެން 51 މީހަކުވަނީ އެޑްމިޓްކޮށްފައެވެ. އަދި މިދިޔަ ހަފްތާގައި މި ބަލީގައި 3 މީހުން ނިޔާވިއެވެ. މިއާއެކު ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދުވަނީ 305އަށް އަރާފައެވެ. ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވާން ފެށުމާއެކު މާލެ ސަރަހައްދުގެ ފްލޫ ކްލިނިކްތަކުގެ ޚިދުމަތްވެސް އެޗްޕީއޭއިން ވަނީ ފަށަފައެވެ.