ދުނިޔެ

ޔޫކްރެއިން ހަނގުރާމަ: ޝޮޕިންގ މޯލެއް ބިމާ ހަމަކޮށްލުމުން 18 މަރު


މިއަދަކީ ޔޫކްރެއިންގެ މެދުތެރޭގައިވާ ރަށެއް ކަމުގައިވާ ކްރެމެންޗުކްގެ ރައްޔިތުންނަށް ބިރުވެރި އަދި ހިތާމަވެރި ދުވަހެކެވެ. ކްރެމެންޗުކްގެ ވިޔަފާރިކުރާ ބޮޑު ޝޮޕިންގ މޯލެއް ހުރި ތަނެއް ކައިރިއަށް ގިނަ އަދަދެއްގެ ބަޔަކު މި ވަނީ ޖަމާވެފައެވެ. ނަމަވެސް، އެ ތަނުން ފެންނަމުން ދަނީ މޮޅިވެރިކަމާ ހިތާމައިގެ މަންޒަރުތަކެވެ. ވިޔަފާރިކުރާ މީހުން ޖަމާވެ، އިއްޔެ ފުރައިލާފައި އޮތް ޝޮޕިންގ މޯލުން މިއަދު ފެންނަން އޮތީ މަދު ތަނބުތަކަކާއި ސުންނާފަތިވެފައިވާ މަންޒަރުތަކެވެ. އަރަމުން ދަނީ ކަޅު ބޯ ދުމެވެ. ޢިމާރާތް ވަނީ ބިމާ ހަމަވެފައެވެ.

އެ ތަނަށް ޖަމާވެފައިވާ މީހުންގެ ތެރެއިން އެއް ގުރޫޕަކުން ދަނީ، އެ ތަނުގެ ބައެއް ދިމާތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވުމަށް މަސައްކަތް ކުރަމުންނެވެ. އަނެއް ގުރޫޕުން ދަނީ ޢިމާރާތުގެ ވެއްޓިފައިވާ ބައިތަކުގެ ދަށުވެފައިވާ މީހުން ހޯދަން އަތްފުނާ އަޅަމުންނެވެ. ދެން އެ ތަނަށް އެއްވެފައި ތިބީ، އެ ޢިމާރާތުގައި ހިނގި ހާދިސާގައި މަރުވެފައިވާ ކަން މިހާތަނަށް ކަށަވަރު ކުރެވިފައިވާ 18 މީހެއްގެ ޢާއިލާގެ މެންބަރުންނެވެ. ބާކީ ތިބީ، ޢިމާރާތަށް ނުރައްކާތެރި މިސައިލް ހަމަލާއެއް އަރައި، އެ ތަން ފުނޑުފުނޑުވެގެން ދިޔަ ވަގުތު އެ ތަނުގައި ވިޔަފާރިކުރަން ތިބި މީހުންގެ ޢާއިލާގެ މެންބަރުންނެވެ. މައިންބަފައިންނާއި ދަރިންނާއި، ގާތްތިމާގެ މީހުންނެވެ.

ފުނޑުފުނޑު ކޮށްލާފައިވާ ޢިމާރާތުގެ ދަށުގައި އަދިވެސް އިތުރު 36 މީހެއްގެ ހަށިގަނޑު ވާނެ ކަމަށް ބެލެވޭތީ، އެ މީހުންގެ ހަށިތައް ހޯދުމަށް އޮފިޝަލުން ދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. ވެރިރަށް ކީވްއާ 330 ކިލޯމީޓަރު ދުރުގައި އޮތް ކްރެމެންޗުކްގެ ޝޮޕިންގ މޯލެއް ބިމާ ހަމަކޮށްލާ، އެ ތަނުގައި ތިބި 18 މީހެއްގެ ފުރާނަ ގެއްލިގެން ގޮސްފައި ވަނީ ރަޝިޔާގެ އަސްކަރިއްޔާއިން ދިން ނުރައްކާތެރި މިސައިލް ހަމަލާއެއްގައެވެ.

ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ، މިއީ އެ ޤައުމުގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ރަޝިޔާ ސިފައިން ގަސްދުގައި ދީފައިވާ ހަމަލާއެއް ކަމުގައެވެ. އަދި، މިއީ ވިލާތުގެ ޤައުމެއްގައި މިހާތަނަށް ދީފައިވާ އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ، މި ހަމަލާ ކުށްވެރި ކޮށްފައެވެ.

ޖަރުމަނު ވިލާތުގައި ކުރިއަށްދިޔަ ދުނިޔޭގެ އެންމެ މުއްސަނދި ހަތް ޤައުމު (ޖީ7)ގެ ބައްދަލުވުމުގެ ބައިވެރިން ބުނީ، ރަޝިޔާއިން ދީފައިވާ ހަމަލާއަކީ ޤަބޫލު ކުރަން ވެސް ދަތި، ހަޑިމުޑުދާރު އަމަލެއް ކަމުގައެވެ. އަދި، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން މި ހަމަލާގެ ޒިންމާ އުފުލަން ޖެހޭނެ ކަމުގައެވެ.

ޔޫކްރެއިނުގެ ޕްރޮސިކިއުޓަރ ޖެނެރަލް އައިރީނާ ވެނެޑިކްޓޯވާ ވެސް ވިދާޅުވީ، ރަޝިޔާގެ މި ހަމަލާތަކަކީ ޢާންމު ރައްޔިތުންގެ ފުރާނަ ނަގައިލާން ދީފައިވާ ހަމަލާތަކެއް ކަމުގައެވެ. އަދި، މި ފަދަ ހަމަލާތަކުގެ ބޭނުމަކީ ކޮބައިކަމާ މެދު އޭނާ ސުވާލު އުފައްދަވައެވެ. ފަހަކަށް އައިސް ރަޝިޔާގެ މިފަދަ ހަމަލާތައް އިތުރުވެފައިވާ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ނަމަވެސް، ރަޝިޔާއިން މި ތުހުމަތުތައް ދޮގު ކުރެއެވެ. އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުނީ، މިސައިލް ހަމަލާ ދީފައި ވަނީ ކްރެމެންޗުކްގައި ހުރި ހަތިޔާރު ގުދަނަކަށް ކަމުގައެވެ. އަދި، ޝޮޕިންގ މޯލުގައި ރޯވީ، ގުދަނުގައި ހުރި ބައެއް ހަތިޔާރު ގޮވުމުން ކަމުގައެވެ. ނަމަވެސް، ޔޫކްރެއިނުން ބުނަނީ، އެ ސަރަޙައްދުގައި އެ ޤައުމުގެ އަސްކަރިއްޔާގެ އެއްވެސް ޢިމާރާތެއް ވެސް ގުދަނެއް ވެސް ނުހުންނާނެ ކަމުގައެވެ.

މި ކަމަށް ރައްދު ދެމުން ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، ހަމަލާގައި ގެއްލުން ލިބުނު ޝޮޕިންގ މޯލަކީ ބޭނުން ނުކުރާ ހުސް ތަނެއް ކަމުގައެވެ.