ދުނިޔެ

އަފްޣާނިސްތާން ބިންހެލުން: އެމެރިކާއިން 55 މިލިޔަން ޑޮލަރުގެ އެހީ


އަފްޣާނިސްތާނުގެ އިރުމަތީ ސަރަޙައްދަށް މިދިޔަ ހަފުތާގެ ބުދަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ޤައުމަށް 55 މިލިޔަން ޑޮލަރުގެ އެހީގެ ސާމާނު ފޮނުވަން އެމެރިކާއިން ނިންމައިފިއެވެ. ރިކްޓަރ މިންގަނޑުން 6.1ގެ ބާރުގަދަ މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1,000 އަށްވުރެ މައްޗަށް އަރާފައިވާއިރު، މި އަދަދު އިތުރުވާނެ ކަމަށް ޤަބޫލު ކުރެވެއެވެ.

އަފްޣާނިސްތާނަށް އެހީ ދޭނެކަން އިޢުލާނު ކުރައްވާފައި ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކަންއެވެ. އޭނާ ވިދާޅުވީ، މި 55 މިލިޔަން ޑޮލަރާއެކު ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެމެރިކާއިން އަފްޣާނިސްތާނަށް އެހީގެ ގޮތުގައި ދީފައިވާ ފައިސާގެ އަދަދު 774 މިލިޔަން ޑޮލަރަށް އަރާނެ ކަމުގައެވެ. މި އެހީ ފޯރުކޮށްދޭނީ އެމެރިކާގެ އޭޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އެއިޑް) މެދުވެރިކޮށެވެ.

އެމެރިކާގެ އެހީގެ ދަށުން، ހިޖުރަކުރާ މީހުންނާ ބެހޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ (އައި.އޯ.އެމް) މެދުވެރިކޮށް، ބިންހެލުމުގައި ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ސާފު ބޯފެން ފޯރުކޮށްދިނުމާއި، ސާފުތާހިރު ކަމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން، ބަދިގޭގައި ހިފާގެންގުޅޭ ސާމާނާއި އަންނައުނު ފޯރުކޮށްދިނުމުގެ އިތުރުން ފެނާއި ކާބޯތަކެތި ރައްކާތެރި ކުރާނެ އިންތިޒާމު ހަމަޖައްސައިދޭނެއެވެ.

ބިންހެލުމުގައި ސުންނާފަތިވެފައިވާ ސަރަޙައްދުތަކުގައި ފެނުގެ ޒަރީޢާއިން ފެތުރޭ ބަލިތައް ވަނީ ޢާންމުވެފައެވެ. އެ ފަދަ ބަލިތައް ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވެސް ޔޫ.އެސް.އެއިޑް.އިން އެހީތެރި ވެދޭނެއެވެ. އެމެރިކާއަކީ އަފްޣާނިސްތާނަށް އެންމެ ގިނަ އަދަދަކަށް އިންސާނީ އެހީ ފޯރުކޮށްދޭ ޤައުމެވެ.

އަފްޣާނިސްތާނަށް އައި ބިންހެލުމުގައި އެ ޤައުމުގެ އިރުމަތީގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ކުރިން ވެސް، ޕަކްތީކާ ޕުރޮވިންސު ފަދަ ސަރަޙައްދުތަކުގެ ރައްޔިތުން ދިރިއުޅެމުން ދިޔައީ ވަރަށް ނިކަމެތި ހާލެއްގައެވެ. އެ ސަރަޙައްދުތަކުގެ ގިނަ ރައްޔިތުންނަކީ މަސައްކަތު މީހުންގެ ވަޒީފާ އަދާކުރާ ބަޔެކެވެ. އަނެއް ބަޔަކީ، ދަނޑުވެރިކަން ކުރާ މީހުންނެވެ.

އަފްޣާނިސްތާނުގެ އިރުދެކުނުގައިވާ ޕަކްތީކާ ޕުރޮވިންސް ކައިރިއަށް އައި ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް 110 މިލިޔަން ޑޮލަރު ބޭނުންވާނެ ކަމަށް އ.ދ.އިން ބުނެއެވެ. ނަމަވެސް، އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާނުންގެ ސަރުކާރަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަނެފައިވާ ސަރުކާރެއް ނޫނެވެ. މި ސަބަބާ ހުރެ، އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދޭން ޤައުމުތަކުން ވަނީ ފަސްޖެހިފައެވެ.

އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލައި ތާލިބާނުން އެ ޤައުމުގައި ސަރުކާރެއް އެކުލަވައިލާފައި ވަނީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. ތާލިބާނުން އެ ޤައުމުގެ ވެރިކަމާ ހަވާލުވެފައި މި ވަނީ، އެމެރިކާއިން އެ ޤައުމަށް އަރައި ފެށި ހަނގުރާމައިގައި އެއިރު އެ ޤައުމުގައި އޮތް ތާލިބާނުންގެ ސަރުކާރު ވައްޓައިލިތާ 20 އަހަރު ފަހުންނެވެ.

އެ ޤައުމުގެ އިންތިޚާބީ ސަރުކާރު ވައްޓައިލުމާ އެކު އެ ޤައުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ފޯރުކޮށްދެމުން ދިޔަ އެހީތައް މެދުކެނޑިގެން ދިޔައެވެ. އަދި، އެއާއެކު އެ ޤައުމުގެ ރައްޔިތުންނަށް އެތައް ގޮތަކުން ދަތިކަމާ ކުރިމަތިލާން ޖެހުނެވެ. އެ ޤައުމުގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ވަނީ ކާބޯތަކެއްޗަށް ޖެހިފައެވެ. އަދި، ބޭރު ފައިސާ ހުސްވެ، އެ ޤައުމަށް މުދާ އެތެރެ ކުރެވޭނެ މަގު ވަނީ ބަންދުވެފައެވެ.