ދުނިޔެ

އިތިޔޯޕިޔާއިން ސޫދާނު ސިފައިންގެ ބަޔަކު މަރައިލައިފި


އިތިޔޯޕިޔާއިން ސޫދާނުގެ ސިފައިންގެ ބަޔަކާއި ޢާންމުންގެ މީހަކު މަރައިލާފައިވާ ކަމަށް ސޫދާނުން ތުހުމަތުކޮށްފިއެވެ. މިކަން ހިނގާފައި މި ވަނީ، ސަރަޙައްދީ އިމުގެ މައްސަލައިގައި ދެ ޤައުމުގެ ސިފައިންގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން ކަމަށް ސޫދާނުން ބުނެއެވެ.

ސޫދާނުން ތުހުމަތު ކުރާ ގޮތުގައި، މަރައިލާފައި ވަނީ ދެ ޤައުމު ގުޅޭ ސަރަޙައްދީ އިމުގައި ފޯރިމަރަމުންދިޔަ އެ ޤައުމުގެ ސިފައިންގެ ހަތް މީހެކެވެ. މީގެ އިތުރުން، ޢާންމުންގެ މީހަކު ވެސް ޤަތުލުކޮށްލާފައި ވާ ކަމަށް ސޫދާނުން ތުހުމަތު ކުރެއެވެ. މި ހާދިސާ ހިނގާފައި ވަނީ މި ޖޫން މަހުގެ 22 ވަނަ ދުވަހު ކަމަށް ސޫދާނުގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.

ސިފައިންގެ ހަތް މީހަކާއި ޢާންމުންގެ މީހަކު އަތުލައިގަނެފައި ވަނީ ސޫދާންގެ ސަރަޙައްދަށް ވަދެ އިތިޔޯޕިޔާ ސިފައިން ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި، އެ މީހުން މަރައިލާފައި ވަނީ އިތިޔޯޕިޔާއަށް ގެންދިޔުމަށް ފަހުގައި ކަމަށް ވެސް ސޫދާނުގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ. ނަމަވެސް، އިތިޔޯޕިޔާއިން މި ތުހުމަތުތައް ދޮގު ކުރެއެވެ.

ސޫދާނުން ބުނީ، މި ކަމާ ގުޅޭ ގޮތުން އެ ޤައުމުގައި ހުންނަވާ އިތިޔޯޕިޔާގެ ސަފީރާ ސުވާލު ކުރާނެ ކަމުގައެވެ. އަދި، އިތިޔޯޕިޔާގައި ހުންނަވާ ސޫދާނުގެ ސަފީރު އަނބުރާ ޤައުމަށް ގެންނާނެ ކަމަށާއި، މި މައްސަލަ އ.ދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާނެ ކަމުގައި ވެސް ސޫދާނުގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.

ނީލަ ކޯރުގެ އައްސޭރި ފަށުގައި ކަރަންޓު ހަކަތަ އުފައްދާ "ޑޭމް"އެއް ބިނާ ކުރަން އިތިޔޯޕިޔާއިން މަސައްކަތް ފެށުމާ އެކު، އެ ޤައުމާއި ސޫދާނާ ދެމެދު އޮތް ގުޅުމަށް ވަނީ ހީނަރުކަން އައިސްފައެވެ. މިއީ، މިޞްރުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ މަޝްރޫޢެކެވެ. ސޫދާނާއި މިޞްރުން ބުނަނީ، މި މަޝްރޫޢުގެ ސަބަބުން އެ ދެ ޤައުމުގެ ބައެއް ސަރަޙައްދުތަކަށް ފެން ލިބުމަށް ހުރަސްއެޅޭނެ ކަމުގައެވެ.