ދުނިޔެ

އީރާނާއި އެމެރިކާގެ މަޝްވަރާތަކުގައި މެދުވެރިއަކަށް ޤަޠަރު


އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭ އެއްބަސްވުމާ މެދު އެމެރިކާއާ އެކު ބާއްވަން ތައްޔާރުވަމުންދާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ޤަޠަރުން ނިންމައިފިއެވެ. އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށް 2015 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުން ތަންފީޒު ކުރުން މިހާރު އޮތީ މަޑުޖެހިފައެވެ.

މި އެއްބަސްވުމަށް އަލުން އަމަލުކުރަން ފެށުމަށް އީރާނަށް ބާރު އެޅުމަށް ވިލާތުގެ އިއްތިހާދު (އީ.ޔޫ) އާއި ހުޅަނގުގެ އެހެން ބާރުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމުގެ މުޝީރެއް ކަމުގައިވާ މުޙައްމަދު މާރަންދީ ވިދާޅުވީ، އެ ޤައުމާއި އެމެރިކާއާ ދެމެދު ބާއްވާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާނީ ޤަޠަރުން ކަމުގައެވެ.

އެމެރިކާއިން އީރާނަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ރޮބަރޓް މޭލީ ވަނީ މަޝްވަރާތަކަށް ޤަޠަރަށް ވަޑައިގަންނަވާފައެވެ. އޭނާގެ މި ދަތުރުފުޅުގައި ޤަޠަރުގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރައްވައި، އީރާނުގެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި، ނުރަސްމީކޮށް ބާއްވާ މި މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތުމަށް އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭ އިސް ނެގޯޝިއޭޓަރ ޢަލީ ބަޣޭރީ ކާނީ ވެސް މިއަދުގެ ވަގުތެއްގައި ޤަޠަރަށް ވަޑައިގަންނަވާނެއެވެ. ނަމަވެސް، މިފަދަ މަޝްވަރާތަކެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަން ޤަޠަރުން ވެސް އަދި އީރާނުން ވެސް ރަސްމީ ހައިސިއްޔަތެއްގައި އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

އީރާނާ ގުޅޭ މައްސަލައަށް ޞުލްޙަވެރި ހައްލެއް ހޯދުމަށް ކުރަމުންދާ މަޝްވަރާތައް ހުއްޓުމަކަށް އައީ، އެ ޤައުމުގެ އަސްކަރިއްޔާގެ ޚާއްޞަ ފައުޖު ކަމުގައިވާ "އިސްލާމިކް ރިވޮލޫޝަނަރީ ގާޑްސް ކޯ"އަކީ ޓެރެރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅައި، އެމެރިކާއިން ގެންގުޅޭ ޓެރެރިސްޓު ޖަމާޢަތްތަކުގެ ލިސްޓުގައި އެ ލަޝްކަރުގެ ނަން ހިމެނުމާ ގުޅިގެންނެވެ.