ދުނިޔެ

ރަޝިޔާ ގޮވައިގެން ޔޫކްރެއިންގެ އެންމެ މުއްސަނދި މަހުޖަނު ކޯޓަށް


ޔޫކްރެއިންގެ އެންމެ މުއްސަނދި އެއް މަހުޖަނު ކަމުގައިވާ ރިނާޓް އަޚްމެތޮފް، ރަޝިޔާއާ ދެކޮޅަށް ވިލާތުގެ އިންސާނީ ހައްޤުތަކާ ބެހޭ ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. އަޚްމެތޮފްއަކީ ރަޝިޔާ ސިފައިން އަތްގަދަކޮށްފައިވާ ބަނދަރުމަތީ ރަށެއް ކަމަށްވާ މަރިޔުޕޯލްގައި ހިންގާ އަޒޮވްސްޓާލް ސްޓީލްވޯރކްސްގެ ވެރިޔާއެވެ.

ރަޝިޔާ ސަރުކާރާ ދެކޮޅަށް އޭނާ ކޯޓަށް މައްސަލަ ހުށަހަޅާފައި މި ވަނީ، ޔޫކްރެއިނަށް އަރައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އޭނާގެ ވިޔަފާރިއަށް ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުންނެވެ. މި ހަނގުރާމައިގެ ސަބަބުން އޭނާގެ ކުންފުންޏަށް ލިބެމުންދާ ގެއްލުމުގެ އަގު ބިލިޔަނުން ގުނައިލެވޭނެ ކަމަށް އޭނާ ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.

މަރިޔުޕޯލް ހިފުމަށް ރަޝިޔާ ސިފައިން ދިން ހަމަލާތަކުން ސަލާމަތާއި ރައްކާތެރި ކަން ހޯދުމަށް ޔޫކްރެއިން ސިފައިންނާއި ޢާންމުން ވަނީ އަޒޮވްސްޓާލް ކުންފުނީގެ ކާރުޚާނާއެއް ބޭނުންކޮށްފައެވެ. އަދި، ރަޝިޔާގެ ހަމަލާތަކުގައި އެ ކާރުޚާނާގެ ބޮޑު ބައެއް ވެސް ވަނީ ސުންނާފަތި ކޮށްލާފައެވެ.

ރަޝިޔާއިން ޔޫކްރެއިންގެ ރައްޔިތުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް، ރަޝިޔާ ސިފައިންގެ އަމަލުތައް ހުއްޓުވުމަށް ކޯޓު އަމުރެއް ހޯދުމަށް ވެސް އަޚްމެތޮފްގެ ފަރާތުން ވަނީ ހުށަހަޅާފައެވެ. އަދި، ރަޝިޔާއިން ޔޫކްރެއިންގެ ރައްޔިތުންގެ މުދަލުން ވައްކަން ކޮށް، ހައްޤުތަކަށް އަރައިގަންނަމުން ދާ ކަމަށާއި، މި ފަދަ ނުބައި ކަން ބޮޑުވެގެންވާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކަށް ހައްޤު އަދަބު ލިބެން ޖެހޭނެ ކަމަށް ވެސް އަޚްމެތޮފްގެ ޤާނޫނީ ވަކީލުންގެ ޓީމުން ބުނެއެވެ.