ދުނިޔެ

މަދަނީ ޖަމާޢަތްތަކަށް ޗައިނާ އާއި ރަޝިޔާގެ ފިއްތުންތަކެއް !


ރަޝިޔާއާއި ޗައިނާއިން މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކުރަމުންގެންދާކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ އެމެރިކާގެ ޖަމްޢިއްޔާއެއް ކަމަށްވާ ހިޔުމަން ރައިޓްސް ވޮޗް އިން ތުހުމަތުކޮށްފިއެވެ. އެޖަމްޢިއްޔާއިން ނެރުނު އަހަރީ ރިޕޯޓްގައި، ބޭރުގެ އެހީ ލިބޭ  މަދަނީ ޖަމްއިޢްޔާ ޖަމާއަތްތަކުގެ ޙަރަކާތްތައް ރަޝިޔާގައި ވަރަށް ބޮޑަށް ހިފަހައްޓާފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތައް އުފެއްދުމަށް މަސައްކަތްކުރާ ޗައިނާގެ އެކްޓިވިސްޓުންނަށް އާދަޔާ ޚިލާފު ދަތިތަކެއް އެޤައުމުން ކުރިމަތިކުރަމުން ގެންދާކަންވެސް އެ ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ. ހިޔުމަން ރައިޓްސް ވޮޗް ގެ އެގްޒެކެޓިވް ޑައިރެކްޓަރު ކެނެތު ރުތް ވަނީ ރަޝިޔާއާއި ޗައިނާއިން މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާ ދެކޮޅަށް ކުރިމަތި ކުރާ ފިއްތުންތަކަކީ ފަހުގެ ޖީލެއްގައި ފެނިފައިނުވާފަދަ ބޮޑެތި ފިއްތުންތަކެއް ކަމަށް ސިފަކުރައްވާފައެވެ.