ވިޔަފާރި

އެސްޓީއޯގެ ރެޑީމިކްސް ސިމެންތި ތަޢާރަފްކޮށްފި


ސަރުކާރުގެ އިސްނެންގެވުމާއި، ހައުސިންގ މިނިސްޓްރީގެ އެއްބާރުލުމާއެކު އެސްޓީއޯއިން ރެޑީމިކްސް ނުވަތަ ތައްޔާރީ ކޮންކްރީޓްގެ ޚިދުމަތް ރަސްމީކޮށް މިއަދު ތަޢާރަފްކޮށްފިއެވެ. ރެޑީމިކްސް އިފްތިތާޙް ކޮށްދެއްވީ، މިއަދު ފެށި މަސީ ބިލްޑް އެކްސްޕޯގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އެސްޓީއޯގެ ރެޑީމިކްސް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، ޕަވަރމިކްސް މި ބްރޭންޑްގެ ނަމުގައެވެ. މި ޚިދުމަތް ލިބޭނީ، އެސްޓީއޯ އެނާރޖީ އެންޑް ކޮންސްޓްރަކްޝަން ޑިވިޜަންގެ ދަށުން ހިންގާ މާލޭގެ ވެއަރ ހައުސްތަކާއި ސޭލްސް ޕޮއިންޓް ތަކުންކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ. އެސްޓީއޯއިން މިހިދުމަތް ދިނުމަށްޓަކައި 2 ސައިޒެއްގެ 6 ވެހިކަލެއް ވަނީ ގެނެސްފައެވެ. އެއީ، 2.5 ކިޔުބިކް މީޓަރ އަދި 4.0 ކިޔުބިކް މީޓަރގެ ވެހިކަލްތަކެކެވެ. ޕަވަރމިކްސްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ، އެސްޓީއޯއަށް ހައުސިންގ މިނިސްޓްރީން ދޫކޮށްފައިވާ މާލޭ 6 ނަންބަރު ކޮށީގައެވެ. ރެޑީމިކްސް ކޮންކްރީޓުގެ ހިދުމަތުގެ ސަބަބުން ކޮންޓްރެކްޓަރުންގެ ކޮންކްރީޓް މަސައްކަތުގެ އަގު ވަރަށް ބޮޑަށް ހެޔޮވެ މަސައްކަތުގައި ބޭނުންކުރަންޖެހޭ ލޭބަރުންގެ އަދަދު މަދުވެގެން ދާނެކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއްވިއެވެ. މީގެ އިތުރުން ތިމާވެށީގެ ގޮތުންނާއި އިޖްތިމާއީ ފައިދާތައްވެސް ލިބިގެންދާނެކަމަށާއި،  އެސްޓީއޯއިން މި ތައްޔާރީ ކޮންކްރިޓް އުފެއްދުމަށް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ، މިކަމަށް ޚާއްސަ ކުރެވިފައިވާ ސައިޓެއްގައި ކަމަށްވެސް އެސްޓީއޯއިން މަޢުލޫމާތުދެއްވައެވެ. އަދި ކޮންކްރީޓް ތައްޔާރު ކުރުމަށްފަހު ވެހިކަލްގައި ބެޗްކުރެވުމުން ރައްކާތެރިކަމާއެކު ގެންގޮސް ބޭނުންވާ ސައިޓަކަށް ޕަންޕް އަދި ޕައިޕް ގުޅައިދިނުމަށްފަހު އޮއްސައިދެވޭނެކަމަށް އެކުންފުނިންގ ވިދާޅުވެއެވެ. އަދި އެންމެ މުހިންމު ކަމެއްގެ ގޮތުން ކޮންކްރީޓްގެ ކޮލިޓީ ޔަގީންވާނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.އެސްޓީއޯއިން ވިދާޅުވީ، އެސްޓީއޯއިން ކަމާގުޅޭ ކޮންސަލްޓަންޓުންގެ އެހީގައި މިކަމަށް ބޭނުންވާ ކިޔުބް ޓެސްޓް ހެދުމަށްފަހު، ކޮންކްރީޓްގެ ކޮލިޓީ ސެޓްފިކެޓްސް ކޮންޓްރެކްޓަރުންނަށް ދެވޭނެކަމަށެވެ. އެސްޓީއޯއިން މިއަދު ފެށި ރެޑީ މިކްސް ޚިދުމަތް މިވަގުތު މާލޭގައި ދިންނަމަވެސް ކުރިޔަށް އޮތްތަނުގައި އަތޮޅުތަކަށްވެސް މިޚިދުމަތް ފުޅާކުރާނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.