މެދުއިރުމަތީގައި ނުތަނަވަސް ކަމާއި ހަމަނުޖެހުން އުފައްދާ، ޤައުމުތަކުގެ މެދުގައި ހަތުރުވެރިކަން އުފެއްދުމަށް އިސްރާޢީލުން ކުރަމުންދާ މަސައްކަތްތަކާ އެ ޤައުމުގެ އަސްކަރިއްޔާގެ އިސް ޖެނެރަލުންތަކެއް ދެކޮޅު ކަން ހާމަވެއްޖެއެވެ. އިސްރާޢީލުގެ ނޫހެއްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނާ ދެކޮޅަށް އެ ޤައުމުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އަސްކަރީ އިސް ޖެނެރަލުން ތަކެއް ދެކޮޅު ސިޔާސަތުތަކެކެވެ.
އީރާނާ އެކު ޞުލްޙަ ޤާއިމު ކުރަން ބޭނުންވާ ޖެނެރަލުންގެ ތެރޭގައި ޖާސޫސީ އިދާރާގެ އިސްވެރިޔާގެ އިތުރުން ސްޓްރެޓީޖިކް ޕްލޭނިންގްގެ އިސްވެރިޔާ ހިމެނޭ ކަމަށް އެ ނޫހުގައި ރިޕޯޓު ކޮށްފައިވެއެވެ. އެ މީހުން ޤަބޫލު ކުރާ ގޮތުގައި، އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން ދުނިޔޭގެ ބާރުތަކުން އެ ޤައުމާ އެކު 2015 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުމަކީ، މެދުއިރުމަތީގެ ޞުލްޙައަށް އޮތް އެންމެ ރަނގަޅު މަގެވެ.
އިސްރާޢީލުގެ ދެ ޖެނެރަލަކު މި ކަމާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތައް ރިޕޯޓުކޮށް ޢާންމުވުމުން އިސްރާޢީލުގެ ސަރުކާރުން ވަނީ މި ކަމާ ހިތްހަމަ ނުޖެހިފައެވެ. އެ ޤައުމުގެ ދިފާޢީ ވަޒީރު ބެނީ ގެންޓްޒް ވިދާޅުވީ، ޚާރިޖީ ސިޔާސަތުތައް ހެދުމުގައި އެ ޤައުމުގެ އަސްކަރިއްޔާއަށް ބަސްބުނުމުގެ ޙައްޤު އޮތް ނަމަވެސް، ސިޔާސަތުތަކުގައި ފަހުބަސް ބުނާނީ ސަރުކާރުން ކަމުގައެވެ.
އަދި، މި ފަދަ ވާހަކަތައް މީޑިޔާއަށް ތިލަވުމުން އިސްރާޢީލުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭ އެއްބަސްވުން އަލުން އިޔާދަކުރުމާ ގުޅޭ ގޮތުން އެ ޤައުމާއި ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ އިސްވެރިންނާ ދެމެދު ދާދި ފަހުން ވަނީ އިތުރު މަޝްވަރާތަކެއް ބާއްވާފައެވެ. ނަމަވެސް، އިސްރާޢީލަކީ މި މަޝްވަރާތަކުގެ ބައިވެރިއެއް ނޫނެވެ.