ޚަބަރު

ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި ހުޒައިފާ މަޤާމުގެ ހުވާ ކުރައްވައިފި


ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް އައްޔަން ކުރެއްވި ފެމިލީ ކޯޓުގެ ގާޟީ އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު މަޤާމުގެ ހުވާ ކުރައްވައިފިއެވެ.

އަލްއުސްތާޛާ ހުޒައިފާ މުޙައްމަދަށް ހުވާ ލައި ދެއްވީ ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު މުޢުތަސިމް އަދުނާންއެވެ. މިރަސްމިއްޔާތުގައި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސާ ހިސާން ހުސެއިންއާއި، އެކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަލްއުސްތާޛާ ހުޒައިފާ މުޙައްމަދަކީ ފަނޑިޔާރުކަމުގައި 14 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އަލްއުސްތާޛާ ހުޒައިފާ މުޙައްމަދަކީ މިހާރު ފެމެލީ ކޯޓުގެ އިސްޤާޟީކަމުގެ މަޤާމް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ ޝަރުތަކީ ޝަރުއީ ނުވަތަ ޤާނޫނީ ދާއިރާއިން ޑިގްރީ އެއް އޮތުމާއިއެކު، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ މުސާރައަކީ 36،000 ރުފިޔާއެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކު އެލަވަންސުގެ ގޮތުގައި 3،300 ރުފިޔާވެސް ލިބެއެވެ. މީގެ އިތުރުން މެޑިކަލް އެލަވަންސާއި، ފޯނު އެލަވަންސްވެސް ލިބިގެންދާނެއެވެ.