ޚަބަރު

އައިޑީ ކާޑުގެ ޑިޒައިން ބަދަލުކުރަނީ! އެންމެ ރަނގަޅު ޑިޒައިނަކަށް ދެލައްކަ ރުފިޔާ


ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިނަށް ބަދަލުގެނެސް އައު ޑިޒައިނެއް ފަރުމާ ކޮށްދޭނެ މީހަކު ހޯދަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިން ހުޅުވާލައިފިއެވެ.

މިހާރު ބޭނުންކުރާ އައިޑީ ކާޑަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި 1980ގެ ތެރޭގައި ބޭނުންކުރަންފެށި ކާޑެވެ.

ޑީއެންއާރުން ކުރި އިޢުލާނެއްގައި ވަނީ މިހާރު ބޭނުންކުރާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކޮށް ސަލާމަތީގޮތުން ފުރިހަމަ އިތުބާރާ ޔަޤީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާރސްތަކާއިއެކު ސްމާޓް އައި.ޑީ ކާޑެއް ތަޢާރަފުކުރުމަށް ނިންމަވާފައިވާކަމަށެވެ. އެހެންކަމުން މިކާޑު ފަރުމާކުރުމަށް އެދޭ ފަރާތްތަކުން މިޑިޕާޓްމަންޓަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

އައި.ޑީ ކާޑު ފަރުމާކުރާނެ ފަރާތެއް ހޮވާނީ އެފަރާތުގެ ފަންނީ ޤާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓްގެ ފުރިހަމަކަމަށް ބެލުމަށްފަހުގައެވެ . މީގެ އިތުރުން އައިޑީކާޑު އެންމެ ފުރިހަމައަށް ފަރުމާކުރި މީހަކަށް ދެލައްކަ ރުފިޔާގެ އިނާމެއްގެ ގޮތުގައިލިބެއެވެ. ޑީއެންއާރްއިން ބުނީ އައިޑީ ކާޑު ފަރުމާކުރުމަށް ޝޯޓްލިސްޓްވާ ތިން ފަރާތަށް އަގުވަޒަންކުރުމުގެ ރަސްމީ ލިޔުމެއް ލިބޭނެކަމަށެވެ. އަދި ހުށަހަޅާފައިވާ އައިޑީ ކާޑުގެ ކުރެހުންތައް އާންމުކޮށް ހުޅުވާލާ މައުރަޒެއްގައި ދައްކާ، އެ ކުރެހުންތައް ރަސްމީކޮށް އާންމު ކުރެވޭނެ ކަމަށް ވެސް ޑީއެންއާރުން ބުނެއެވެ.

ޕްރޮޕޯސަލް ބަލައިގަތުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 21ވަނަ ދުވަހުގެ 14:00 ކުރިންނެވެ. އަދި އެންމެ ރަނގަޅު ޕްރޮޕޯސަލް ޝޯޓްލިސްޓްކޮށް އެފަރާތްތަކަށް އައިޑީ ކާޑުގެ ދެފުށާއި ހޮލޮގްރާމް ކުރަހަން ހަވާލުކުރުމާއި، ހޮވުނު ފަރާތުން ފައިނަލް ކުރެހުންތައް ހުށަހެޅުމާއި އެންމެ ފުރިހަމައަށް ފަރުމާކުރި ފަރާތް ހޮވުން އޮންނަނީ އޮގަސްޓަ މަހުގައެވެ.

އައީޑކާޑުގެ ކޮންސެޕްޓްގައި ހިމެނޭ ބައެއް ކަންކަމުގެ ތެރޭގައި އައި.ޑީ ކާޑު އަދި ހޮލޮގްރާމް ބޭނުން ސައިޒަކަށް ކުރެހުނުނަމަވެސް ކާޑުގެ ސައިޒަކީ ފުޅާ މިނުގައި 54 މިލިމީޓަރު އަދި ދިގު މިނުގައި 85 މިލިމީޓަރެވެ. އަދި ކުރެހުންތައް ހުންނަންވާނީ އިސްލާމީ އުޞޫލުތަކާއި ރާއްޖޭގެ ޤާނޫނުތަކާއި ޢާއްމުކޮށް ދިވެހިން ޤަބޫލުކުރާ އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފުނުވާ ގޮތަށެވެ. މީގެ އިތުރަށް، ކުރެހުމުގައި ދިރިހުރި ނުވަތަ މަރުވެފައިވާ މީހެއްގެ ސޫރަ ހިމަނައިގެން ނުވާނެކަމަށް ޑީއެންއާރް އިން ބުނެއެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެ ޑިޒައިނަށް ބަދަލުގެނައުމަށް ނިންމާފައިވާއިރު ސަރުކާރުން ވަނީ ރާއްޖޭގައި ޑިޖިޓަލް އައިޑީކާޑު ބޭނުންކުރަން މިއަހަރުގެ ފަހުކޮޅު ފަށާނެކަމަށް އިޢުލާންކޮށްފައެވެ. ޑިޖިޓަލް އައިޑެންޓިޓީ ޕްރޮޖެކްޓްގެ ތެރެއިން ޙާޞިލުވާނެ ކަންކަމުގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމެއް ޤާއިމުކުރުމާއި ސްމާޓް ފޯނުތަކުގައި ބޭނުންކުރެވޭ ޑިޖިޓަލް އައިޑެންޓިޓީ އެޕްލިކޭޝަނެއް ތަޢާރަފުވުމާއި ބަޔޯ މެޓްރިކް އައިޑެންޓިޓީގެ ނިޒާމެއް ޤާއިމުވުމާއި ކޮންޓެކްޓްލަސް ސްމާޓް އައިޑެންޓިޓީ ކާޑެއް ތަޢާރަފުކުރުން ހިމެނެއެވެ.