2022 ވަނަ އަހަރު ބޯހިމެނުމަށް ތައްޔާރުވުމުގެ ގޮތުން ދެން ކުރަންޖެހޭކަމަކީ ސްޓްރެޓެޖީއަށް ބަދަލުތައް ގެނައުން ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވިދާޅުވެއްޖެއެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން މިހެން ވިދާޅުވީ ބޯހިމެނުމަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންގޮސްފައިވާ ޕައިލެޓް ސެންސަސް ޕްރޮގްރާމްގެ ނަތީޖާއަށް ބެލުމަށްފަހުއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްވަމުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޑެޕިއުޓީ ޗީފް ސްޓެޓިސްޓީޝަން އާއިޝަތު ޝަހުދާ ވިދާޅުވީ ދުވާލުގެ ވަގުތުތަކުގައި އެއްކޮށް މަސައްކަތްކޮށްގެންވެސް މީހުންނާ ދިމާވުމުގެ ދަތިތައް ވަރަށް ބޮޑަށް ދިމާވެފައިވާކަމަށެވެ. އަދި މަސައްކަތްކުރާ ތަންތަނުން މައުލޫމާތު ހޯދުމުގައިވެސް ދަތިތައް ކުރިމަތިވި ކަމަށާއި މަސައްކަތުގެ މާހައުލުގެ ތެރެއިން މުވައްޒަފުންނާ ދިމާވުމުގައިވެސް ދަތިތަކާއި ކުރިމަތިލާންޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބޯހިމެނުމަށް ގަޑިތައް ހަމަޖެއްސުމުގައާއި މައުލޫމާތު ހޯދުމުގެ ސްޓްރެޓެޖީއަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ވަކިވަކި މަސައްކަތް ހިންގާ ތަންތަނަށް މިދަނީ އެކަމު ބައެއް ފަހަރު ހެޑް އޮފީހުން އެ މައުލޫމާތުތައް ހޯދުމަށް ރިކުއެސްޓް ކުރަން ޖެހުމާއި އެމްޕްލޯޔަރުން އަޅުގަނޑުމެންނަށް ވަގުތު ހުސްކުރަން އެންގުމުގައި އެބަހުރި ދަތިތަކެއް. ދެން މިބަލަނީ މައުލޫމާތު ހޯދުމަށް ބޮޑަށް ޕާސް އޮން ކުރަން ޖެހޭނީ ކިހިނެއްތޯ" މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޑެޕިއުޓީ ޗީފް ސްޓެޓިސްޓީޝަން އާއިޝަތު ޝަހުދާ ވިދާޅުވިއެވެ.
ބޯހިމެނުމަށް ތައްޔާރުވުމުގެ ގޮތުން މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ ޕައިލެޓް ސެންސަސް ޕްރޮގްރާމަކީ ބޯހިމެނުމުގެ ހަރަކާތުގެ މުޅި މަރުހަލާ ކުރިއަށްދާގޮތުގެ ޓެސްޓް މަރުހަލާއެކެވެ. އެގޮތުން މި ޕްރޮގްރާމްގެ މަގްސަދު ވަރަށް ރަނގަޅަށް ހާސިލްވެފައިވާ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ވިދާޅުވިއެވެ.
Extending our sincere gratitude for the excellent support provided by the public during Pilot Census 2022.
— Census 2022 Maldives (@census2022mv) June 26, 2022
Hoping that we will get similar responses from public during Main Census 2022 Operation.#AharenVesBaiverivaanan #CountMeIn #Census2022mv@UNFPAMaldives @MoNPHImv pic.twitter.com/91iOdE7efR
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިންވަނީ ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ މީހުން ހޯދުމަށް ދެ ފަހަރެއްގެ މަތިން އިޢުލާންކޮށްފައެވެ. މިފުރުޞަތުގައި 7000 އަށްވުރެ ގިނަމީހުން ވަނީ އެޕްލިކޭޝަން ހުށައަޅާފައެވެ. އަދި މިހާރު ކުރިއަށްދަނީ އެމަސައްކަތުގެ ސްކްރީނިންގ މަރުހަލާ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން މައުލޫމާތުދެއެވެ.
ރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމާއި އިޤްތިޞާދީ މަސައްކަތްތަކުގެ ބޯހިމެނުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 13 އިން 14 އަށް އަދި 17 އިން 25 އަށެވެ. ރާއްޖޭގެ އާބާދީއާއި ބޯހިމެނުމުގެ ބައެއް މަޢުލޫމާތުތައް އޮކްޓޯބަރު 6 ވަނަ ދުވަހު ޢާއްމުކުރާނެއެވެ. އަދި މުޅި ސަރވޭގެ މަޢުލޫމާތު ހާމަކުރާނީ ޤައުމީ ތަފާސްހިސާބުތަކުގެ ދުވަސްކަމަށްވާ އޮކްޓޯބަރު 20 ގައެވެ.