އަފްޣާނިސްތާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލާ، ފްރީޒްކޮށްފައިވާ ފައިސާ އަނބުރާ ރައްދުކުރުމަށް އެ ޤައުމުގައި ވެރިކަން ކުރާ ތާލިބާނުން ގޮވައިލައިފިއެވެ.
މިދިޔަ ބުދަ ދުވަހު އަފްޣާނިސްތާނުގެ އިރުމަތީ ސަރަޙައްދަށް އައި ރިކްޓަރ މިންގަނޑުން 6.1ގެ ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ 1,000 އަށްވުރެ މައްޗަށް އަރާފައެވެ. އަދި، އެތައް ހާސް ބަޔަކު ވަނީ ހާލުފައި ޖެހިފައެވެ. އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު އޮތް އެންމެ ބޮޑު ހުރަހަކީ، އެ ޤައުމާ ދެކޮޅަށް ހުޅަނގުގެ ބާރުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ކަމުގައި ތާލިބާނުން ބުނެއެވެ.
ތާލިބާނުންގެ ސަރުކާރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޢަބްދުލް ޤައްހާރް ބަލްޚީ ވިދާޅުވީ، ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން، އެ ޤައުމުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށް ތާލިބާނުންނަށް ހުރަސްތަކާ ކުރިމަތިވެފައިވާ ކަމުގައެވެ. އަދި، ފްރީޒްކޮށްފައިވާ އެ ޤައުމުގެ ފައިސާ އަނބުރާ ރައްދު ކުރުމަށް ގޮވައިލާ އޭނާ ވަނީ، އެ ޤައުމަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލައިފައެވެ.
އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓާލައި، އެ ޤައުމުގެ ވެރިކަމަށް ތާލިބާނުން އަތްގަދަ ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އެ ކަމާ ގުޅިގެން، ތާލިބާނުންގެ ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައި ވީ ނަމަވެސް، ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން އެ ޤައުމަށް ފޯރުކޮށްދެމުން ދިޔަ އިންސާނީ އެހީއަށް ބުރުލެއް އަރާފައެއް ނުވެއެވެ. ނަމަވެސް، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ތާލިބާނުންނަށް ވަނީ މާލީ ހުރަސްތަކަކާ ކުރިމަތިވެފައެވެ.
އަފްޣާނިސްތާނުގެ ބޭރު ފައިސާގެ ރިޒާވްގައި ހިމެނޭ އެތައް ބިލިޔަން ޑޮލަރެއް ހުޅަނގުން ފްރީޒްކޮށްފައިވާ ސަބަބުތަކުގެ ތެރޭގައި، ތާލިބާނުންގެ ވެރިކަމުގައި އެ ޤައުމުގެ އަންހެނުންނާއި ކުޑަކުދިންގެ އެތަކެއް ޙައްޤުތަކެއް ނިގުޅައިގަތުން ހިމެނެއެވެ. މި ގޮތުން، ތާލިބާނުން ވެރިކަމާ ހަވާލުވި ފަހުން، އަންހެން ކުދިން ސްކޫލަށް ފޮނުވުމާއި، ތަޢުލީމު އުނގަންނައިދިނުމަށް ވަނީ ހުރަސް އަޅާފައެވެ.
ފްރީޒްކޮށްފައިވާ އަފްޣާނިސްތާނުގެ ފައިސާއާ ގުޅޭ ގޮތުން އެމެރިކާގެ ވައިޓް ހައުސްގެ ތަރުޖަމާނު ކެރިން ޜޯން-ޕިއަރ ވިދާޅުވީ، އަފްޣާނިސްތާނުގައި ހާލުގައި ޖެހިފައިވާ އެތައް މިލިޔަން މީހުންނަށް އެހީ ފޯރުކޮށްދޭން އެ ފައިސާ ބޭނުން ކުރެވިދާނެ ގޮތްތަކާ މެދު އެމެރިކާއިން ވިސްނަމުންދާ ކަމުގައެވެ. އަދި، މިހާރުވެސް އެމެރިކާގެ އޭޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓުން އަފްޣާނިސްތާނަށް އިންސާނީ އެހީ ފޯރުކޮށްދެމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.