މިދިޔަމަހު ރާއްޖެއިން ބޭރުކުރި މުދަލާއި އެތެރެކުރި މުދަލުގެ ޢަދަދު އިތުރުވެ، އިމްޕޯޓް އަދި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ %26 އިތުރުވެއްޖެއެވެ.
ކަސްޓަމްސްއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މެއިމަހު ދައުލަތަށް އިމްޕޯޓު އަދި އެކްސްޕޯޓުން 239 މިލިއަން ރުފިޔާގެ ޢާމްދަނީއެއް ވަނީ ލިބިފައެވެ. އަދި މިއަހަރުގެ މެއިމަހު މިޢަދަދުވަނީ 300 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ މިންވަރަށް ބަލާއިރު، މިދިޔަ އަހަރުގެ މެއި ރާއްޖެއަށް 2.9 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. މިއަދަދު މިއަހަރުގެ މެއިމަހު ވަނީ 4.4 ބިލިއަނަށް އިތުރުވެފައެވެ. މިއީ %52ގެ ކުރިއެރުމެކެވެ.
މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ، ޗައިނާ، ޔޫ.އޭ.އީ، ސިންގަޕޫރުންނެވެ. އެގޮތުން އޮމާން އިން 783 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 650 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޗައިނާ އިން 447 މިލިއަން ރުފިޔާގެ މުދާ، ޔޫ.އޭ.އީ އިން 426 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޯރއިން 387 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އިމްޕޯޓުކޮށްފައިވަނީ މެޝިނަރީއާއި އިލެކްޓްރިކް ސާމާނާއި، ކާބޯތަކެތީގެ ބާވަތްތަކާއި، ތެލުގެ ބާވަތްތަކެވެ.
އެކްސްޕޯޓަށް ބަލާއިރު މިދިޔަ އަހަރުގެ މެއި ރާއްޖެއިން 515 މިލއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ. މި އަހަރުގެ މެއިމަހު މި އަދަދު ހުރީ 719މިލިއަން ރުފިޔާގެ މުދަލެވެ. މިއީ %40ގެ އިތުރު އަދަދެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށާއި، އިނގިރޭސިވިލާތަށާއި، ޖަރުމަންވިލާތަށާއި، އިންޑިއާ އަދި ފްރާންސްއަށެވެ. ރާޢްޖެއިން މުދާ ބޭރުކުރި ނިސްބަތަށް ބަލާއިރު އެންމެ ގިނަ މުދާ ބޭރުކޮށްފައިވަނީ ތައިލޭންޑްއަށެވެ. އެއީ ބޭރުކުރި މުދަލުގެ %58އެވެ. ދެން އެންމެ ގިނަ މުދާ ބޭރުކުރި އިނގިރޭސިވިލާތަށް %10 މުދާ ވަނީ ބޭރުކޮށްފައެވެ. ތިންވަނަ އަށް އެންމެ ގިނަ އަދަދަކަށް މުދާ ބޭރުކޮށްފައިވަނީ ޖަރުމަންވިލާތަށެވެ. އެޤައުމަށްވަނީ %9 މުދާ ބޭރުކޮށްފައެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ބޭރުކޮށްފައިވަނީ ގަނޑުކުރި ކަނޑުމަހުގެ ބާވަތްތަކެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު ރާއްޖެއަށް މުދާ ހިފައިގެން 85 އުޅަނދެއް އައިސްފައިވެއެވެ. އަދި 114 އުޅަނދެއް ފުރާފައިވެއެވެ.