ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލުމަށް "ގެދޮރުވެރިން ޕޯޓަލް" ސަރުކާރުން އިފްތިތާޙުކޮށްފިއެވެ. މިޕޯޓަލް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއެވެ.
"ގެދޮރުވެރިން ޕޯޓަލް"އަކީ ސަރުކާރުން އިޢުލާންކުރާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އޮންލައިންކޮށް ފޯމް ހުށައެޅޭނެ ގޮތް ހަމަޖެއްސުމަށް އިފްތިތާޙުކުރި ޕޯޓަލްއެކެވެ. މިޕޯޓަލްގެ އެންމެ ބޮޑު ބޭނުމަކީ، ކިއުގައި ނުޖެހި ފަސޭހަކާމާއެކު ފޯމް ހުށައެޅުމެވެ.
މިޕޯޓަލް މެދުމެރިކޮށް ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ޝަރުތުތަކާއި އަދި އުސޫލުތަކާއި ގުޅޭ މަޢުލޫމާތު ލިބޭނެއެވެ. އަދި ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް ފަސޭހަކަމާއެކު ހުށައެޅޭނެއެވެ.
ޕޯޓަލްއަށް ފޯމު ހުށައެޅުމުން އެ މަސައްކަތް ކުރިއަށްދާގޮތުގެ ނޮޓިފިކޭޝަން، އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ލިބޭނެ ފީޗަރތައްވެސް މިޕޯޓަލްގައި ހިމެނެއެވެ. މި ޕޯޓަލްގެ ލޮގިންއަކީ https://gedhoruverin.gov.mv/ އެވެ.
ޕޯޓަލް އިފްތިތާޙުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ މި ޕޯޓަލް ފަރުމާކޮށްފައިވަނީ، ފޯމް ހުށައަޅާ މީހުންނަށް ވީހާވެސް ފަސޭހަވާނެ ގޮތަށްކަމަށެވެ.
"މި ޕޯޓަލްއަށް އެއްވެސް މައްސަލައެއް ދިމާނުވާނެހެން، އެންސީއައިޓީއާއިއެކުވެސް މަސައްކަތް ކުރަމުންދަނީ. މައްސަލައެއް ދިމާވި ނަމަވެސް، ޙައްލުކުރާނަން." އަސްލަމް ވިދާޅުވިއެވެ.
'ގެދޮރުވެރިން ޕޯޓަލް' މިނިސްޓަރ @AslamAslamtey ލޯންޗު ކޮށްދެއްވައިފި https://t.co/RySwwMr7Ph pic.twitter.com/1gQTqplATH
— Min.of National Planning, Housing & Infrastructure (@MoNPHImv) June 26, 2022
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ގެދޮރުވެރިން" ޕްރޮގްރާމްގައި މިހާތަނަށް ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައި މިވަނީ 2 ހައުސިން ސްކީމަށެވެ. އެއީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރިއަށްގެންދާ "ބިންވެރިޔާ ސްކީމް" އާއި މާލެ ސަރަޙައްދުން ފްލެޓް ދިނުމަށް ޚާއްސަކޮށްފައިވާ "ގެދޮރުވެރިޔާ ސްކީމް"އެވެ.
ޕޯޓަލް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާހު ވިދާޅުވީ، މިއީ މާލޭގެ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއްކަމަށެވެ. އަދި ސަރުކާރުން ކުރިއަށްގެންދާ މިހައުސިން މަޝްރޫޢާއެކު ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބޭނެކަމަށް ވިދާޅުވިއެވެ. ފަލާހު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް މަސައްކަތްކުރި ހަމައެކަނި ސަރުކާރަކީ އެމްޑީޕީ ސަރުކާރެވެ.
"މާލޭގެ ބޮޑު އާބާދީއަކަށް ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެވޭނެ. ކުރިއަށް އޮތް 25 އަހަރަށް މި އިޖުތިމާޢީ މައްސަލަ ޙައްލުވާނެ." ފަލާހު ވިދާޅުވިއެވެ.
ސަރުކާރުން މި ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށެވެ.