ޚަބަރު

"މަސްޖިދު ރަޝީދު" ހުޅުވުމުން ވަގުތީ މިސްކިތުގައި ނަމާދުކުރުން ހުއްޓާލަނީ


ހުޅުމާލޭ ނެއިބަރހުޑް 2 ކައިރީގައި ތަރައްޤީކުރި "މަސްޖިދު ރަޝީދު" އަންނަ ހޮނިހިރު ދުވަހުގެ ރޭ ޢިޝާނަމާދަށް ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

މިމިސްކިތް ހުޅުވުމާއެކު ހޮނިހިރު ދުވަހުން ފެށިގެން މިހާރު ހުރި ވަގުތީ މިސްކިތް "މަސްޖިދުލް ފިތުޔާ"ގައި ނަމާދުކުރުން ހުއްޓާލާނެކަމަށް އެޗްޑީސީން ބުނެއެވެ.

"މަސްޖިދު ރަޝީދު"އަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރްސީސީގެ ފަރާތުން ޒަމާނީ ފަރުމާއަކަށް ހުޅުމާލޭ ފޭސް އެކެއްގެ ނެއިބަރހުޑް 2ގައި ތަރައްޤީކޮށްފައިވާ 1200 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދުކުރެވޭނެ ގޮތަށް މިމިސްކިތް ތަރައްޤީކޮށްފައިވަނީ 3 ފަންގިފިލައަށެވެ. ޕާކިން އޭރިއަކާއެކު ތަރައްޤީކުރާ މިމިސްކިތުގައި ބޭނުންކުރާ ކަރަންޓަކީ އިރުގެ އަވިން އުފައްދާ އިޔާދަކުރަނިވި ހަކަތައެވެ.

އާރްސީސީގެ ފަރާތުން ޢިމާރާތްކުރާ މިމިސްކިތުގެ ބިންގާ އަޅާފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 20 ވަނަ ދުވަހުގައެވެ.