ޚަބަރު

މެރިޓައިމް ދާއިރާގައި ގިނަ ފުރުސަތުތަކެއް އެބަހުރި، ދިވެހިން މި ދާއިރާއަށް ބޭނުންވޭ: ސައީދު


މެރިޓައިމް ދާއިރާއަށް ދިވެހިން ހޯދުމުގައި ދަތިތައް އެބަހުރިކަމަށާއި، އެ ދާއިރާއަށް ދިވެހިން ބޭނުންވާކަމަށް އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވީ އެމްއެސްއެސްގެ ފްލީޓުގައި ހިމެނޭ ބޯޓުތައް އިތުރުވަމުންދާއިރު، ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

ބައިނަލްއަޤްވާމީ ބޯޓު ދަތުރުކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް އެސްޓީއޯ އާއި މޯލްޑިވްސް ސްޓޭޓު ޝިޕިންގ ގުޅިގެން ސްކޫލް ދަރިވަރުންނަށް އަމާޒްކޮށްގެން ބޭއްވި 'ކެރިއަރ އިން މެރިޓައިމް' ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އެ ކުންފުނީގެ ފްލީޓަށް 4ވަނަ ބޯޓެއް އިތުރުވާ ހިސާބުން ގިނަ އަދަދެއްގެ ވަޒީފާތަކަށް ރާއްޖެއިން ބޭރުން މީހުން ހޯދަން ޖެހޭނެ ކަމަށެވެ.

" ފިލްޑުގައި ތިބޭ މަދު ބައެއް، އިންޖިނިއާރސް ލިބޭ، އެކަމަކު 4 ވަނަ ބޯޓެއް ގެންނަ ހިސާބުން ބޭރުން ޖެހޭނީ އޮފިސަރސް އާއި އިންޖީނިއަރސްއުން ހޯދައިގެން ހަމަކުރަން،" ސައީދު ވިދާޅުވިއެވެ.

މެރިޓައިމް ދާއިރާ އާއި ގުޅުންހުރި ބޭފުޅުން ހިމެނޭ ޕެނަލްއަކާއެކު ކުރިއަށްގެންދިޔަ މި ހަރަކާތުގައި އަޙުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، ސީއެޗްއެސްސީ އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ގްރޭޑު 11 އަދި 12 ގައި ކިޔަވާ ބައެއް ދަރިވަރުން ވަނީ ބައިވެރިވެރިވެ، ބޯޓު ދަތުރުކުރުމުގެ ދާއިރާ އާއި ގުޅޭގޮތުން ސުވާލުކޮށް މައުލޫމާތު ހޯދާފައެވެ.

ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުދެމުން ސައީދު ވިދާޅުވީ ބޯޓު ދަތުރުކުރުމުގެ ދާއިރާއަކީ ރާއްޖޭގެ އެހެން ހުރިހާ ސިނާއަތަކާއި ގުޅިފައިވާ ދާއިރާއެއް ކަމަށެވެ. އެހެން ކަމުން ޝިޕިން އަކީ ކުރިއަރުވަން ޖެހިފައިވާ ދާއިރާއެއް ކަމަށް ސައީދު ވިދާޅުވިއެވެ.

" ޓޫރިޒަމްވެސް ސަރވައިވްއެއް ނުވާނެ ޝިޕިންގ ނެތިއްޔާ، ގެސްޓެއް އައިއްސަ އޮން ވީކް ހޭދަކުރާއިރު އެ ދަތުރުގައި އޭނާ ރާއްޖޭގައި ކާނެ އެއްޗެހި ގެންނާނީ ބޯޓެއްގައި ގެންނާނީ، އެހެންވީމާ ޝިޕިންގ އަޑިއަށް ގޮއްސިއްޔާ ޓޫރިޒަމެއް ނޯންނާނެ،" ސައީދު ވިދާޅުވިއެވެ.

މި ހަރަކާތުގެ ތެރެއިން ވަނީ މެރިޓައިމް ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމަށް ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ހުރި ފުރުސަތުތަކާއި ގުޅޭ މައުލޫމާތުތައްވެސް ދަރިވަރުންނާއި ހިއްސާކޮށްފައެެވެ. އަދި ދަރިވަރުންނަށް ބޭރު ދަތުރުކުރާ ބޯޓުތައް ދައްކާލުމުގެ ހަރަކާތެއްވެސް ކުރިއަށްގެންދިޔުމަށް އެމްއެސްއެސްއިން ދަނީ މަސައްކަތްކުރަމުންނެވެ.

ބޯޓު ދަތުރުކުރުމުގެ ދާއިރާއާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ކޮންމެ އަހަރަކުވެސް ހަރަކާތްތައް ކުރިއަށްގެންދިޔުމަށް އެމްއެސްއެސްއިން ވަނީ ނިންމާފައެވެ. އަދި މެރިޓައިމް ސިނާޢަތަކީ ރާއްޖޭގެ އިޤްތިޞާދުގައިވެސް މުހިއްމު ދަޢުރެއް އަދާކުރާ ސިނާޢަތެކެވެ. އެގޮތުން ރާއްޖެއަށް އެތެރެކުރާ މުދަލުގެ ބޮޑުބައެއް އެތެރެކުރަނީ ކަނޑުމަގުންކަން ފާހަގަކޮށްލެވެއެވެ.

ހަމައެހެންމެ ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާގޮތުން ދަތުރުފަތުރުކުރުމުގައި ގިނަ ބަޔަކު ބަރޯސާވަނީ ކަނޑު އުޅަނދުފަހަރަށްކަމަށްވެފައި، އެއްރަށުން އަނެއް ރަށަށް މުދާ އުފުލުމުގައިވެސް އަދިވެސް ގިނަ ބަޔަކު ބަރޯސާ ވަނީ ކަނޑުއުޅަނދުފަހަރަށެވެ.