ޚަބަރު

ރާއްޖެ އިޝްތިހާރުކުރުމަށް އިންޑޮނޭޝިއާގައި މީޑިއާ ޓީމެއް


ރާއްޖޭގެ އެޑްވެންޗަރ އަދި ޑައިވް ތަޖުރިބާތައް އިންޑޮނޭޝިއާގައި ޕްރޮމޯޓުކުރުމަށް އެ ޤައުމުގެ މީޑިއާ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މި ފެމިލިއަރައިޒޭޝަން ދަތުރަކީ މޯލްޑިވްސް މާކެޓިންގ އެންޑު ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީގެ ދައުވަތަކަށް ކުރިއަށް ގެންދާ ދަތުރެކެވެ. މި ދަތުރު ކުރިއަށްދާނީ މިމަހުގެ 23 އިން 28ވަނަ ދުވަހާއި ހަމައަށެވެ.

އިންޑޮނޭޝިއާގެ މަޝްހޫރު ޕަބްލިކޭޝަންތަކުގެ ނޫސްވެރިން ހިމެނޭ މި ޓީމު ތިބެނީ ކުރަމަތި މޯލްޑިވްސް، ޕުލްމަން މޯލްޑިވްސް މާމުޓާ އަދި މާކުއާ މޯލްޑިވްސް ކޫއްޑޫ ރިސޯޓުގައެވެ. މި ދަތުރުގެ ތެރެއިން ރާއްޖޭގެ ހޮސްޕިޓަލިޓީ، ރިސޯޓުތަކުގެ ތަފާތު ޙިދުމަތްތައް، އަދި ކެއުންބުއިމާއި ފަތުރުވެރިން ޝައުގުވެރިވާ ފަދަ އެހެނިހެން ކަންތައްތައް މި ޓީމުން ތަޖުރިބާ ކުރާނެ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

މި ދަތުރަކީ ރާއްޖޭގެ ޑައިވް ސެގްމަންޓު ޕްރޮމޯޓްކޮށް ޑައިވް ފެސިލިޓީތަކާއި ރާއްޖެއިން ލިބެން ހުރި މިފަދަ ތަޖުރިބާތައް އިންޑޮނީޝިއާ މާކެޓުގައި އިޝްތިހާރުކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ދަތުރުގެ ތެރެއިން ރާއްޖޭގެ ރިސޯޓުތަކާއި، ހޮޓަލްތަކާއި، ގެސްޓުހައުސްތަކާއި، ލިވަބޯޑުތައް ޕްރޮމޯޓުކުރާނެއެވެ.

އަދި ރާއްޖޭގެ ޖަޒީރާ ރަށްތަކާއި، ވަން އައިލެންޑު ވަން ރިސޯޓު ކޮންސެޕްޓްގެ އިތުރުން، ރާއްޖޭގެ ރައްކާތެރިކަމާއި، އެކަހެރިކަން އިންޑޮނޭޝިއާގެ ފަތުރުވެރިންނަށް އިޝްތިހާރުކުރާނެއެވެ. މި ދަތުރުގެ ތެރެއިންނާއި ފަހުންވެސް މި ޓީމުން ރާއްޖެއާ ބެހޭ ފޮޓޯ،ވީޑިއޯ އަދި އާޓިކަލްތައް ސޯޝަލް މީޑިއާ އާއި އެ ފަރާތްތައް ރަމްޒުކުރާ ޕަބްލިކޭޝަންތަކުގައި ޝާއިޢުކުރާނެއެވެ. މި ޕޯސްޓުތައް އިންޑޮނޭޝިއާގެ ދަތުރުކުރުމަށް ބޭނުންވާ 30 މިލިއަނަށްވުރެ ގިނަ ފަރާތަށް ފޯރާނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެއެވެ.

މި ހަރަކާތަކީ އިންޑޮނޭޝިއާގެ މާކެޓަށް އެމްއެމްޕީއާރުސީން ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުން ކުރިއަށްގެންދާ ދަތުރެކެވެ. މި ސްޓްރެޓަޖީ ބިނާކޮށްފައިވަނީ ރާއްޖެއާމެދު ހޭލުންތެރިކަން އިތުރުކޮށް، މިއީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކޮށް، އިންޑޮނޭޝިއާގައި ރާއްޖޭގެ ކަވަރޭޖް އަދި ޑިޖިޓަލް ވިޒިބިލިޓީ އިތުރުކުރުމެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީއިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ.

މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން ރޯޑްޝޯވތައް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކާއި މާކެޓިން ކެމްޕެއިންތައްވެސް ވަނީ ހިންގާފައެވެ.