ޚަބަރު

އަހަރުގެ މިހާތަނަށް ރާއްޖެއަށް 780000 އަށްވުރެ ގިނަ ފަތުރުވެރިން


މި އަަހަރުގެ މިހާތަނަށް ރާއްޖެއަށް ހަތް ސަތޭކަ އަށްޑިހަ ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 784170 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 831549 ފަތުރުވެރިންނެވެ. އަދި 2020 ވަނަ އަހަރު އެއަދަދު އުޅެނީ 382816 ގައެވެ. އަދި 2021 ވަނަ އަހަރު 494924 ފަތުރުވެރިއަކު ވަނީ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑާއިންނެވެ. އެގޮތުން 115228 ފަތުރުވެރިން އިންޑިއާއިން ޒިޔާރަތްކޮށްފައިވެއެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްތްކުރީ އިނގރޭސިވިލާތުންނެވެ. އެއީ 94279 ފަތުރުވެރިންނެވެ. އަދި ތިންވަނައަށް އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިޔާއިން 777783 ފަތުރުވެރިން މިހާތަނަށް ވަނީ ރާއްޖެއައިސްފައިވެއެވެ.

ރާއްޖޭގައި ޖުމްލަ 164 ރިސޯޓަކާއި 662 ގެސްޓްހައުސްއެއް ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް ހިނގަމުން އެބަދެއެވެ. އަދި ފަތުރުވެރިކަމުގެ ޚިދުމަތް ދިނުމަށް 150 ސަފާރީ އެބައޮތެވެ.