މިއަހަރު ރާއްޖެއިން ޙައްޖަށްދާ ފުރަތަމަ ގުރޫޕް މިރޭ ފުރާނެއެވެ.
މިރޭ ފުރާ ފުރަތަމަ ގްރޫޕުގައި 157 ޙައްޖާޖީން ފުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މިއަހަރު ރާއްޖޭން ޙައްޖަށްދާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ 3 ގްރޫޕަކަށް ބަހާލައިގެނެވެ. އެގޮތުން ފުރަތަމަ ގްރޫޕް މިރޭ ފުރާއިރު، ދެވަނަ ގްރޫޕް ފުރާނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. އަދި އެންމެފަހު ގްރޫޕް ފުރާނީ އަންނަމަހުގެ 2 ވަނަ ދުވަހުއެވެ.
މި 3 ދުވަހުވެސް ހައްޖުވެރިން ފުރުން އޮންނާނީ ރޭގަނޑު 11:15 ގައެވެ. އަދި ޙައްޖުވެރިން އެއަރޕޯޓަށް ގެންދިއުމަށްޓަކާ ރޭގަނޑު 7:00 އިން ފެށިގެން 8:00އާ ދެމެދު ޚާއްސަ ބަސް ދަތުރުތަކެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. އަދި ޙައްޖާޖީންގެ ދަތުރުގެ އިންތިޒާމްތައް ފަސޭހަކުރުމުގެގޮތުން ކަމާބެހޭ މުއައްސަސާތައް ހިމެނޭހެން ޚާއްސަ އޮޕަރޭޝަން ސެންޓަރެއް އިސްލާމިކް މިނިސްޓްރީން ވަނީ ޤާއިމުކުރައްވާފައެވެ.
ޙައްޖުވެރިން ޙައްޖަށް ފުރުމަށް ހަމަޖެހިފައިވާ ދުވަސްތައް ކަމުގައިވާ ޖޫން 26، 29 އަދި ޖުލައި 2 ވަނަ ދުވަހުގެ 19:00 އިން 20:00 އަށް މަޖީދީމަގާއި އަމީނީ މަގު އަދި އޯކިޑްމަގުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާގޮތް pic.twitter.com/yXTEAyuP2D
— Maldives Police (@PoliceMv) June 25, 2022
ޙައްޖާޖީންގެ ދަތުރުތަކާއި ގުޅިގެން، މާލޭގެ ބައެއް ބޮޑެތި މަގުތަކުގެ ޓްރެފިކަށް ފުލުހުން ވަނީ ބަދަލުތަކެއްވެސް ގެނެސްފައެވެ.
ޙައްޖުވެރިންގެ ދަތުރުތައް އޮންނަ 3 ދުވަހުގެ އިރުއޮއްސި 7:00 އިން ފެށިގެން 8:00 އާއި ދެމެދު މަޖީދީމަގާއި އަމީނީމަގު އަދި އޯކިޑްމަގުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް އަންނާނެކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އެ ގަޑީގައި މި 3 މަގުވެސް ހުޅަނގުން އިރަށް އެއްކޮޅަށް ދުއްވާގޮތަށް ވަނީ ހަމަޖައްސާފައެވެ.
މިފަހަރު ޙައްޖަށް މީހުން ގެންދިޔުމަށް ރާއްޖެއަށް ލިބިފައިވަނީ 453 ޖާގައެވެ. ޙައްޖަށް މީހުން ގެންދިޔުމަށް ރާއްޖެއަށް ލިބުނު 453 ޖާގައިގެ ތެރެއިން 100 ޖާގައަށް މީހުން ނަގާފައިވަނީ އާއްމުކޮށް ހުޅުވާލައިގެން ގުރުއަތު ނަގައިގެންނެވެ. ބާކީ ހުރި ޖާގަތަކަށް މީހުން ނަގާފައިވަނީ ޙައްޖު ކޯރޕަރޭޝަންގެ ކިއު ތަރުތީބުންނެވެ.
ޙައްޖާޖީންގެ ފުރަތަމަ ގުރޫޕް މިރޭ ފުރާއިރު މިއަހަރުގެ ޙައްޖު މިޝަންގައި ބައިވެރިވެވަޑައިގަންނަވާ އިސްލާމިކް މިނިސްޓްރީގެ 5 އޮފިޝަލުން ވަނީ މިމަހުގެ 17 ވަނަދުވަހު ފުރާފައެވެ.