ދުނިޔެ

ވިލާތުން ވެސް ޒިކާ ވައިރެސް ފެނިއްޖެ


ލެޓިން އެމެރިކާގެ ޤައުމުތަކުގައި ފެތުރެމުންދާ ޒިކާ ވައިރެސް ވިލާތުގެ ޤައުމެއް ކަމަށްވާ ޑެންމާކުން ވެސް ފެނިއްޖެއެވެ.ޑެންމާކުން މި ވައިރެސް ފެނިފައިވަނީ، ދާދި ފަހުން ދެކުނު އެމެރިކާގެ ޤައުމުތަކަށް ޒިޔާރަތް ކުރި ޑެންމާކްގެ ރައްޔިތެއްގެ ގައިން ކަމަށް ޚަބަރު ލިބެއެވެ. މީގެ އިތުރުން، އިޓަލީ، ސްޕެއިން، އިނގިރޭސިވިލާތް އަދި ސުވިޓްޒަލޭންޑުންވެސް މި ވައިރެސް ޖެހިފައި ތިބި މީހުން ކަމަށް ބެލެވޭ ބައެއްގެ ޓެސްޓްތައް ކުރިއަށްގެންދާ ކަމަށް ޚަބަރު ލިބެއެވެ.އޭޑީސް މަދިރި މެދުވެރިކޮށް ފެތުރޭ މިބައްޔަކީ ޢާއްމުކޮށް ފުރާނައަށް ގެއްލުން ހުރި ބައްޔެއް ނޫން ނަމަވެސް، މާބަނޑު މީހުންނަށް މި ބަލި ޖެހުމުން ބަނޑުގައި އޮންނަ ދަރިފުޅުގެ ސިކުނޑިއަށް ނޭދެވޭ އަސަރު ކުރާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މި ވައިރެސް އެންމެ ފުރަތަމަ ފެނުނު ބްރެޒިލްއިން ބުނެފައިވަނީ ބަލި ފަތުރާ މަދިރި މެރުމަށް އެޤައުމުގައި ބޮޑު ކެމްޕެއިނެއް ހިންގުމަށް ރާވަމުންދާ ކަމަށާއި މިކެމްޕެއިންގައި 220,000 ސިފައިން ބައިވެރިވާނެ ކަމަށެވެ.