ކ.ގުޅީގައި ރައްޔިތުން ބޭނުންވާ މިންވަރަށް ފެން އުފެއްދުމަށް ދަތިތަކާއި ކުރިމަތިވަމުންދާތީ އިތުރު އާރްއޯ ޕްލާންޓެއް އެރަށުގައި ޤާއިމުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
ސްޓެލްކޯއިން މިހާރުވަނީ 65 ޓަނުގެ އާރްއޯ ޕްލާންޓެއް އެރަށަށް ގެންގޮސްފައެވެ.
ކ.ގުޅީގައި ޒަމާނީ ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކޮށް ރަސްމީކޮށް ބޭނުންކުރަން ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ. މިޚިދުމަތް ޤާއިމުކޮށް ބެލެހެއްޓުން ސަރުކާރުން ޙަވާލުކޮށްފައިވަނީ ސަރުކާރުގެ ހަކަތައިގެ މައި ކުންފުނި ސްޓެލްކޯއާއެވެ. ޚިދުމަތް ފެށީ 40 ޓަނުގެ 2 އާރްއޯ ޕްލާންޓާއެކުގައެވެ. އަދި ފެން ރައްކާކުރުމަށް 200 ޓަނުގެ 3 ތާންގީ ވަނީ ބަހައްޓާފައެވެ. އެހެންނަމަވެސް ރަށަށް ބޭނުންވާ މިންވަރަށް ފެން އުފެއްދުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ ގުޅީގައި ދެމުންދާ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ނިންމާ ސްޓެލްކޯއިން މިހާރުވަނީ އެރަށަށް 65 ޓަނުގެ އާރްއޯ ޕްލާންޓެއް އެރަށަށް ފޮނުވާފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯއިން ބުނީ އާރްއޯ ޕްލާންޓް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް މިހާރު ޕަލާންޓް ގެންދެވިފައިވާކަމަށާއި ދެންއޮތީ ހަމައެކަނި ކަނެކްޝަން ގުޅާލުމުގެ މަސައްކަތްކަމަށެވެ. އަދި މިމަސައްކަތް މިހަފްތާގެ ތެރޭގައި އެއްކޮށް ނިމޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ.
ގުޅީގެ ފެނާއި ނަރުދަމާއާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ގުޅީ ކައުންސިލްގެ ރައީސް މޫސާ ސަފީލް ވިދާޅުވީ ފެނުގެ މައްސަލަ ރައްޔިތުންނަށް ކުރިމަތިނުވިނަމަވެސް ރައްޔިތުންނަށް ބޭނުންވާ ވަރަށް ފެން އުފެއްދުމުގައި ދަތިވަމުންދާކަމަށް ސްޓެލްކޯއިން ކައުންސިލަށް މަޢުލޫމާތުދެއްވާފައިވާކަމަށެވެ. އެހެންކަމުން މިއީ ކުރިއަށް އޮތް ބޮޑު ޢީދާއި ދިމާކޮށް ރަށަށް ގިނަބަޔަކު އައުމާއި ގުޅިގެން ފެނުގެ މައްސަލަ ކުރިމަތިވެދާނެކަމަށް ލަފާކުރެވޭތީ އެމައްސަލަ ޙައްލުކުރުމަށް ކުރިއަށްގެންދާ މަސައްކަތެއްކަމަށް ކައުންސިލުން ވިދާޅުވެއެވެ.
ގުޅީގައި މީގެކުރިން ބޭނުންކުރަމުން އައީ ގުދުރަތީ ފެންފަށަލައިން ނަގަމުން އައި ފެންނަނަމަވެސް އެރަށަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށްޓަކައި ވަނީ ފެނާއި ނަރުދަމާ ޤާއިމުކޮށްދީފައެވެ. ފެނާއި ނަރުދަމާއާ ޤާއިމުކޮށްދީ އެ ޚިދުމަތް ގުޅީގައި ބަލަހައްޓަމުން އަންނަނީ ސްޓެލްކޯއިންނެވެ. ރަށުގެ ޔޫޓިލިޓީގެ ހުރިހާ ޚިދުމަތެއް އެކުންފުނިން ބަލަމުން އަންނައިރު ގުޅީ ކައުންސިލްގެ އެންމެ ބޮޑު އެދުމަކީ އެރަށުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތްވެސް ސްޓެލްކޯގެ ބެލުމުގެ ދަށުން ރައްކާތެރިގޮތުގައި ކުރިއަށްގެންދިއުމެވެ.