ޚަބަރު

މެދުއިރުމަތީގެ މައްސަލައިގައި ރާއްޖެއިން އދގައި ވާހަކަ ދައްކައިފި


މެދުއިރުމަތީގެ ޤައުމުތަކުގައި މިހާރު ހިނގަމުންދާ ހަނގުރާމަތަކާއި ހަމަނުޖެހުންތައް ހުއްޓުވުމަށް ބިނާކުރަނިވި ފިޔަވަޅުތަކެއް އެޅުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ދިވެހި ސަރުކާރުން ގޮވާލައްވައިފިއެވެ.މިކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ގޮވާލައްވާފައިވަނީ މެދުއިރުމަތީގެ ޙާލަތާބެހޭ ގޮތުން މަޝްވަރާކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަޙުމަދު ސަރީރުއެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަރީރު ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް ޞުލްޙަވެރި އަދި ސިޔާސީ ޙައްލުތައް ހޯދަންޖެހޭ ކަމަށާއި މައްސަލަތައް އިތުރަށް ގޯސްވެގެންދާނެ ޢަމަލުތަކުން ދުރުވާން ޖެހޭ ކަމަށެވެ.ސަރީރުގެ ވާހަކަފުޅުގައި ފަލަސްޠީނުގެ ޙާލަތަށް އަލިއަޅުވާލައްވައި، ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ފަލަސްޠީނާއި އިސްރާއީލުގެ މައްސަލައަށް ޙައްލެއް ހޯދުމުގެ މަސައްކަތްތައް ދިގުލައިގެން ދިއުމުގެ ސަބަބުން ޙައްލު ހޯދަން ހުރި ފުރުޞަތުތައް ހަނިވަމުންދާ ކަމަށެވެ. އަދި މި މައްސަލައިގައި އެދެވޭ ޙައްލަކަށް ވާޞިލްވުމުގެ ބަދަލުގައި އިސްރާއީލުން ދަނީ ޤަވާޢިދާއި ޚިލާފަށް ފަލަސްޠީނުގެ އިތުރު ބިންތަކަށް ވެރިވެގަންނަމުން ކަމަށެވެ. ދިވެހި ސަރުކާރުން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަޙުމަދު ސަރީރު ވަނީ މިކަން ދިވެހިރާއްޖޭގެ ފަރާތުން ކުށްވެރި ކުރައްވާފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ހުރި މަގުތަކަށް އިސްރާޢީލު ސަރުކާރުން ހުރަސްއަޅައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތައްވެސް މެދުއިރުމަތީގެ ޙާލަތާބެހޭ ގޮތުން މަޝްވަރާކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ރާއްޖެއިން ވަނީ ކުށްވެރި ކުރައްވާފައެވެ.