ޚަބަރު

"ހީރާ ޕޭރީ" ގެ 3 ވަނަ ބައިގެ މަސައްކަތް އަލުން ފަށަނީ


މަޝްހޫރު ހިންދީ ކޮމެޑީ ފިލްމު "ހީރާ ޕޭރީ" ގެ 3 ވަނަބައިގެ މަސައްކަތް އަނެއްކާވެސް ވަރަށް އަވަހަށް ފަށާނެކަމަށް ޕްރޮޑިއުސަރު ފީރޯޒް ނަދިއާދްވާލާ ބުނެފިއެވެ.

މި ފިލްމުގެ 3 ވަނަ ބައެއް ހަދަން އުޅޭކަން އިޢުލާންކޮށް 2014 ވަނަ އަހަރު މަސައްކަތްވެސް ފެށިއެވެ. ނަމަވެސް ފަހުން އެ މަސައްކަތް ވަނީ ހުއްޓިފައެވެ. 3 ވަނަ ބައިގައިވެސް ފެންނާނީ އޮރިޖިނަލް ފިލްމުން ފެނުނު ކާސްޓު ކަމުގައިވާ ސުނިލް ޝޭޓީ އާއި އަކްޝޭ ކުމާރު އަދި ޕަރޭޝް ރާވަލް ކަމަށް ފީރޯޒް ބުނެއެވެ.

"ހީރާ ޕޭރީ"ގެ 2 ވަނަ ބައި "ޕިރް ހީރާ ޕޭރީ" ވެސް ޕްރޮޑިއުސްކުރި ފީރޯޒް ޕްރޮޑިއުސްކުރާ މި ފިލްމުގެ 3 ވަނަ ބައިގެ ކެރެކްޓާތަކަކީވެސް ހަމަ ކުރީގެ 2 ފިލްމުގައިވެސް ފެނުނު ކެރެކްޓާތަކެވެ. އެ ކެރެކްޓާތަކަކީ އަކްޝޭ ކުޅުނު ރާޖޫ، ޕަރޭޝް ކުޅުނު ބާބޫރާއޯ އަދި ސުނިލް ކުޅުނު ޝާމް އެވެ.

މި ފިލްމުގެ ވާހަކަ މިހާރު ލިޔެ ނިމިފައިވާއިރު ޑައިރެކްޓަރަކީ ކާކުކަންވެސް ވަރަށް އަވަހަށް އިޢުލާނުކުރާނެކަމަށް ފީރޯޒް ވަނީ ބުނެފައެވެ. "ހީރާ ޕޭރީ" ގެ ފުރަތަމަ ބައި ޑައިރެކްޓުކޮށްފައިވަނީ ޕްރިޔާދަރްޝަންއެވެ. ދެވަނަ ބައި ޑައިރެކްޓުކޮށްފައިވަނީ ނީރަޖް ވޯރާއެވެ.

ފިލްމުގެ ތިންވަނަ ބައިވެސް ޑައިރެކްޓުކުރަން ފަށާފައިވަނީ ނީރަޖް އެވެ. ނަމަވެސް ނީރަޖްގެ ބަލިހާލަތު ތަން ނުދިނުމުގެ ސަބަބުން 2014 ވަނަ އަހަރު ފެށި މަސައްކަތް އޮތީ ހުއްޓިފައެވެ. ބަލިހާލަތު ރަނގަޅު ނުވެ ނީރަޖް ވަނީ 2017 ވަނަ އަހަރު މަރުވެފައެވެ.

"ހީރާ ޕޭރީ" ފުރަތަމަ ރިލީޒްކުރީ 2000 ވަނަ އަހަރު އެވެ. މި ފިލްމަކީ 1989 ވަނަ އަހަރު ދެއްކި މަލަޔާލަމް ފިލްމު "ރާމްޖީ ރާއޯ ސްޕީކިންގް" ގެ ހިންދީ ރީމޭކެކެވެ. މީގެ ދެވަނަ ބައި ނެރުނީ 2006 ވަނަ އަހަރު އެވެ. މި ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.