ވިޔަފާރި

އެސްޓީއޯ، އަމިއްލަފަރާތްތަކުގެ ވިޔަފާރި ކުރިއެރުވުމުގައި


ސަރުކާރުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، (އެސްޓީއޯ)ގެ ވިޔަފާރި ފެށުނީ 1964ވަނަ އަހަރުގެތެރޭގައެވެ. އެސްޓީއޯގެ މަސައްކަތްތައް ފެށިގެން އައީ ވަރަށް ކުޑަ ގޮތަކަށެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެސްޓީއޯގެ މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި ބޭހާއި ތެޔޮ ފޯރުކޮށްދިނުމެވެ.

އެސްޓީއޯއަށް މިހާރު 57 އަހަރު ފުރިފައިވާއިރު މިއަދުވެސް އެ ކުންފުނީގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. އެސްޓީއޯއަކީ މިއަދު ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ މުހިންމު ކުންފުންޏެކެވެ. އެސްޓީއޯގެ ވިޔަފާރި ފުޅާކޮށް ތަފާތު ގިނަ އައު ވިޔަފާރިތަކަކަށް މިއަދު އެސްޓީއޯއިން ވަނީ ވަދެފައެވެ. ދިވެހިންނަށް ބޭނުންވާ ޒަރޫރީ ގިނަ ތަކެތި އެސްޓީއޯއިން މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ.

މާލޭގައި ހުންނަ އެސްޓީއޯގެ ޕީޕަލްސް ޗޮއިސް ސުޕަރ މާކެޓަކީ އެ ކުންފުނިން ވިއްކާ އެންމެ ގިނަ ބާވަތްތައް އެއްފުރާޅަކުން ލިބޭ އެންމެ ބޮޑު އެއް ފިހާރައެކެވެ. މިއަހަރުގެ ރޯދަމަހާ ދިމާކޮށް އެތަނަށް ވިޔަފާރިކުރަންދާ މީހުންނަށް ފަސޭހަވާނެގޮތައް އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރ މާކެޓު ވަނީ ބޮޑުކޮށް އައު ބަދަލުތަކާއިއެކު މާރޗް މަހު ހުޅުވާފައެވެ. އަލަށް ހުޅުވިއިރު މިތަނަކީ ޖާގަ ތަނަވަސް ވިޔަފާރިކުރަން އަންނަ މީހުންނަށް ހިތްހަމަޖެހޭ ތަނަކަށް ވަނީ ހަދާފައެވެ.

ސަރުކާރުގެ ވިޔަފާރީގެ ކުންފުނީގެ ހައިސިއްޔަތުން އެސްޓީއޯއިން އަންނަނީ އެހެން ވިޔަފާރިތައް ކުރިއަރުވައި އެ ވިޔަފާރިތަކަށް މާކެޓް ކުރެވޭނެ ގޮތްތައްވެސް ފަހިކޮށްދެމުންނެވެ. އެގޮތުން ޕީޕަލްސް ޗޮއިސް އަލުން ހުޅުވިއިރު އެތަނުގައި އާންމު ފަރާތްތަކުގެ ވިޔަފާރިތަކަށްވެސް ތަކެތި ވިއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސައިދީފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ، ވިޔަފާރިތަކަށް މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ތަކެތި ވިއްކޭނެކަމަށެވެ. އެގޮތުން ޖާގަ ބޭނުންވާ ފަރާތްތަކަށް ޖާގަދީގެން އަދި މަދު ތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކަށް ކުޑަ ހަރުގަނޑެއް ނުވަތަ ރެކެއް ނަމަވެސް އެސްޓީއޯއިން ދޫކުރެއެވެ. މިއީ މަހަކު ވަރަށް ކުޑަ އަގެއްދީގެން ގިނަ އަދަދެއްގެ ކަސްޓަމަރުންނަށް ވާސިލްވެވޭނެ ގޮތެއްކަމަށް އަމްރު ވިދާޅުވިއެވެ.

އެސްޓީއޯ ސްޕަރމާރޓްގައި މިހާރު އަމިއްލަ 9 ކުންފުންޏަކުން އަންނަނީ އެމީހުންގެ ތަކެތި ވިއްކަމުންނެވެ. އޭގެތެރޭގައި ބުކްޝޮޕްތަކާއި، ބޭކަރީތަކާއި، ކުޑަކުދިންގެ ކުޅޭސާމާނު ވިއްކާ ފިހާރަތަކާއި ރީތިވާ ސާމާނު ވިއްކާ ކުންފުނިތައް ހިމެނެއެވެ.

އަމްރު ވިދާޅުވީ، އެ ވިޔަފާރިތަކުން ހުޅުވާފައިހުރި ފިހާރަތަކަށްވުރެ އެސްޓީއޯ ސްޕަމާރޓްގައި ބަހައްޓާފައި ހުރި އައުޓްލެޓުން މާބޮޑު ފައިދާއެއް އެ ކުންފުނިތަކަށް ލިބެމުންދާކަމަށެވެ. އެހެންކަމުން އެ ވިޔަފާރިތަކުންވެސް އެމީހުން އެސްޓީއޯ ޕީފަލްސް ޗޮއިސްގައި ބަހައްޓާފައި ހުރި ޖާގަ އިތުރަށް ބޮޑުކުރަން ބޭނުންވާކަމަށް އަމްރު ވިދާޅުވިއެވެ. އެހެންކަމުން އެސްޓީއޯއިން މިހާރު މަސައްކަތް ކުރަމުންދަނީ ޕީޕަލްސް ޗޮއިސް ސސުޕަރ މާކެޓު ބޮޑުކޮށް އިތުރު ފަންގިފިލާތައް ހުޅުވުމަށެވެ.

އެސްޓީއޯގެ ވިޔަފާރިފުޅާކޮށް އެތައް ވިޔަފާރިއެއް މިހާރު އެ ކުންފުނިން ހިންގައެވެ. އެގޮތުން ސިއްހީ ސާމާނު، ފިއުލް، ގޭތެރެއަށް ބޭނުންވާ ސާމާނު، ކާބޯތަކެތި އެސްޓީއޯއިން އަންނަނީ އާންމުންނަށް ވިއްކަމުންނެވެ. މީގެއިތުރުން ޝިޕިންގެ ޚިދުމަތް ފަށައި، ޑިޖިޓަލް ބޭންކިންގ ދާއިރާއަށް ވަނުމަށްވެސް އެ ކުންފުނިން މިހާރު ވަނީ ތައްޔާރުވެފައެވެ.

ގިނަ ވިޔަފާރީގެ ތެރެއަށް ވަދެ މިއަދު އެސްޓީއޯއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ލިބޭ އެއް ކުންފުނިވެސްމެއެވެ. 2021ވަނަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 11.24 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު %32ގެ ކުރިއެރުމެކެވެ.