ދުނިޔެ

އިންޑިޔާއިން ލަންކާއަށް އިތުރު އެހީ ދޭނެ ކަމުގެ އިޝާރާތެއް


ސްރީލަންކާއަށް ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަނެ، އެ ޤައުމުގެ އިޤްތިޞާދު ވެއްޓިފައިވާ ވަޅުގަނޑުން ސަލާމަތް ކުރުމަށް އެހީތެރިވެދޭނެ ކަމުގެ އިޝާރާތެއް އިންޑިޔާއިން ދީފިއެވެ. މި ކަމާ މެދު މަޝްވަރާ ކުރުމަށް، އިންޑިޔާގެ ފޮރިން ސެކްރެޓަރީ ވިނޭ ކުވަތްރާ މި ވަނީ ސްރީލަންކާގެ އިސްވެރިންނާ ބައްދަލު ކުރައްވާފައެވެ.

އެ ޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ ރައީސް ގޮތަބަޔާ ރާޖަޕަކްސައާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ކުވަތްރާ ވިދާޅުވީ، ސްރީލަންކާއަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިޔާއިން ތައްޔާރަށް އޮތް ކަމުގައެވެ. އިންޑިޔާއިން ދާދި ފަހުން ވަނީ، ލޯނާއި ކަރަންސީ ސްވޮޕް އަދި ހިލޭ އެހީގެ ގޮތުގައި ސްރީލަންކާއަށް 4 ބިލިޔަން އެމެރިކާ ޑޮލަރު ދީފައެވެ.

ކުވަތްރާ ވިދާޅުވީ، އެ 4 ބިލިޔަން ޑޮލަރުގެ އިތުރަށް ވެސް ސްރީލަންކާއަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭން އިންޑިޔާއިން ތައްޔާރަށް އޮތް ކަމުގައެވެ. ސްރީލަންކާގެ ރައީސާއި ބޮޑުވަޒީރުގެ އިތުރުން ކުވަތްރާއާއި އޭނާގެ ޓީމުން ވަނީ ސްރީލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާއި މާލީ ވުޒާރާގެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވާފައެވެ.

ސްރީލަންކާއަށް 500 މިލިޔަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ދޫކުރުމަށް ވެސް ދެ ޤައުމުގެ ދެމެދުގައި މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ. މި ފައިސާއަކީ، ތެލާއި ކާބޯތަކެތީގެ ބާވަތްތައް ގަތުމަށް ލަންކާ ބޭނުންވާ ފައިސާއެވެ.

ކުރިއަށް އޮތް 6 މަހުގެ ތެރޭގައި ސްރީލަންކާގެ ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް 5 ބިލިޔަން ޑޮލަރު ބޭނުންވާނެ ކަމަށް އެ ޤައުމުން އަންދާޒާ ކުރެއެވެ. އަދި، މި ފައިސާ ހޯދުމަށް ޗައިނާއާއި އިންޑިޔާގެ އިތުރުން ޖަޕާނާ އެކު ކޮންފަރެންސެއް ބޭއްވުމަށް އެ ޤައުމުން ދަނީ ތައްޔާރު ވަމުންނެވެ.