ވިޔަފާރި

2019އާ އަޅާބަލާއިރު މިހާރުގެ އިޤްތިޞާދީ ހާލަތުގައި ގޯހެއްނެތް: މިނިސްޓަރ ފައްޔާޟު


2019 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި އަޅާބަލާއިރު މިއަދުގެ ހާލަތު ގޯސް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވީ، މިސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރޭގައި އެންމެ މުހިންމު އެއްކަމަކީ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ވިޔަފާރިކުރާ ފަރާތްތަކާއި އިންވެސްޓަރުންނަށް ޔަޤީންކަން ފޯރުކޮށްދިނުންކަމަށެވެ. ޔަޤީންކަން ފޯރުކޮށްދިނުމަކީ ޤާނޫނާއި ގަވާއިދުގެ ތެރެއިން ކަންކަން ވާނެކަމުގެ ޔަޤީންކަން އެރުވުންކަން މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޟު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގައި ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. ކޯވިޑް-19 ގެ ހާލަތުން އަރައިގަނެވިފައިވީނަމަވެސް ދުނިޔޭގެ އިޤްތިޞާދަށާއި ދުނިޔޭގެ އެކިއެކި ކަންކަމަށް އަންނަ ބަދަލުތަކަކީ އޭގެ ރަނގަޅު އަސަރާއި ނުރަނގަޅު އަސަރުވެސް ރާއްޖެއަށް ކުރާނެކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، 2019 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު އޮތް ހާލަތާއި އަޅާބަލާއިރު މިއަދު ހާލަތު ގޯސް ނޫންކަމަށެވެ. ދަރަނީގެ ދަތިކަން އުޅެނީ ޔޫރަޕްގެ ހަނގުރާމައާއި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެންކަމަށާއި އެހެންނަމަވެސް ކުރު މުސްތަޤްބަލުގައި ދަރަނި ދެއްކުމަށް އެއްވެސް ދަތިކަމެއް ނެތްކަމަށެވެ. ދުރުރާސްތާއަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށާއި އެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ތިބޭފުޅުންވެސް އަޑުއައްސަވާނެ އިޤްތިޞާދުގައި ހުރި ކަންބޮޑުވުންތަކާއި ބެހޭގޮތުން އަޅުގަނޑުމެންގެ ކޮމިއުނިޓީ ތެރޭގައި ދެކެވޭ ވާހަކަތައް. އަޅުގަނޑު މި ފުރުސަތުގައި ތިބޭފުޅުންނަށް ޔަޤީންކަން އަރުވަން ބޭނުން 2019 ގައި އަޅުގަނޑުމެން ތިބި ހާލަތާއި އަޅުގަނޑުމެންގެ މިއަދުގެ ހާލަތުގައި ގޯހެއްނެތްކަން. އެހެންނަމަވެސް ދުނިޔެއަށް މިއަންނަ ކަންކަމުގެ އަސަރަށް އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނަންޖެހޭ. އަޅުގަނޑުމެން ތަރައްޤީގެ ކަންކަން ކުރިއަށްގެންދާއިރުގައި ކޮންމެހެނެއް މިގެންދަނީއެއް އަޅުގަނޑުމެންގެ ކެރިފޯރުން ހުރި މިންވަރަކަށެއްނޫން. ދަރަނިވެސް ނަގައިގެން. އެހެންވީމަ ދަރަނީގެ ދަތި އުނދަގޫ ކަންތައްތަކެއް ކޮންމެވެސް ވަރަކަށް އެބަހުރި. އެ އުނދަގޫ ވަނީ ދުނިޔެއަށް އަންނަ ކަންތައްތަކުގެ ސަބަބުން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އަވަސް ފަސޭހަ ޚިދުމަތްތަކެއް ރައްޔިތުންނަށާއި އަދި ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. ކުރީގެ ސަރުކާރުތަކުން މިކަމަށް އިންވެސްޓްކޮށްފައިނެތް ނަމަވެސް މި ސަރުކާރުން ދަނީ އެކަންކަން ކުރަމުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.