ޚަބަރު

ހެއިލީގެ ސްކިން ކެއަރ ލައިނަށް ދިން ނަމުގެ ސަބަބުން ކޯޓަށް


މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ އަންހެނުން ހެއިލީ ބީބާ ދާދިފަހުން ވަނީ ސްކިން ކެއަރ ލައިނެއް ލޯންޗްކޮށްފައެވެ.

"ރޯޑު"ގެ ނަމުން ނަން ދީފައިވާ މި ސްކިން ކެއައ ލައިނާއި ދެކޮޅަށް މިހާރު ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. މި މައްސަލައަކީ ކޮލެޖް ދެ ރައްޓެހިން އެމީހުންގެ ކްލޯތިންގް ލައިންގެ ނަން ބޭނުންކޮށްގެން ހެއިލީގެ ސްކިން ކެއަރ ލައިން ލޯންޗުރުމުން އެ ދެމީހުން ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގެ ދަށުން އެމީހުން އެދެނީ ހެއިލީ އަތުން އެ ޓްރޭޑްމާކް ނަގައި އޭގެ އުފެއްދުންތައް ވިއްކުން މަނާކޮށްދިނުމަށެވެ. އަދި މިނަން ބޭނުންކޮށްގެން އުފެއްދުންތައް ވިއްކުމުން އެމީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހެއިލީއަތުން ހޯދައިދިނުމަށްވެސް އެމީހުން ވަނީ ކޯޓުގައި އެދިފައެވެ.

ސްކިން ކެއަރ ލައިން ލޯންޗުކުރުމަށްފަހު ހެއިލީ ވަނީ އިންޓަވިއުއެއްވެސް ދީފައެވެ. މި އިންޓަވިއުގައި އޭނާ ވަނީ ދާދިފަހުން ފިރިމީހާ ޖަސްޓިންއަށް ދިމާވި ރަމްސޭ ހަންޓް ސިންޑްރޯމާއި ގުޅިގެންވެސް ވާހަކަ ދައްކާފައެވެ. މި ބަލީގެ ސަބަބުން ޖަސްޓިންގެ މޫނުގެ އެއްފަޅި ވަނީ ވާގިނެތިފައެވެ. މިކަމުގެ ސަބަބުން އޭނާގެ ކުރިއަށްހުރި ގިނަ ޝޯތަކެއްވެސް ވަނީ ކެންސަލްކޮށްފައެވެ.

އުމުރުން 25 އަހަރުގެ ހެއިލީއަށްވެސް މިދިޔަ މަރިޗްމަހު ވަނީ ސްޓްރޯކެއް ޖެހިފައެވެ. ސްޓްރޯކް ޖެހުނީ ހެއިލީގެ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެގެންނެވެ. މިކަމާއިގުޅިގެން ހެއިލީ ދާދިފަހުން ސާޖަރީއެއްވެސް ހަދައިފައިވެއެވެ.