ކުޅިވަރު

ނިއު ރޭޑިއަންޓުން ފީފާއަށް ދައްކަން ޖެހޭ ފައިސާގެ ކަންކަން ނިންމައިފި


ބިދޭސީ ކުޅުންތެރިންނަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުުން ދައްކަން ޖެހޭ ފައިސާގެ ކަންކަން ނިންމައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އެ ފައިސާ ހަވާލުކޮށްފިއެވެ.

ނިއު ރޭޑިއަންޓުން އެފްއޭއެމަށް ގަނޑުކޮށް ފައިސާ ހަވާލުކޮށްފައިވާއިރު، އެ އިދާރާއިން މިހާރު އަންނަނީ ފައިސާ ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެކަންކަން ފުރިހަމަ ވެގެންދާނެ ކަމަށް ބެލެވެއެވެ.

ނިއު އިން ވަނީ ބިދޭސީ ކުޅުންތެރިންނާއި ކުރީގެ ކޯޗު ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް އަށް ދޭން ޖެހޭ ފައިސާ ފީފާއާ ހަވާލުކޮށްފަ އެވެ. އެނގިފައިވާ ގޮތުން ނިއު އިން ބިދޭސީ ކުޅުންތެރިންނަށް ދެއްކީ 215،000 ޑޮލަރު (3.3 މިލިއަން ރުފިޔާ) އެވެ.

އެފްއޭއެމުން ނިއު ސަސްޕެންޑް ކޮށްފައިވަނީ 2019 ވަނަ އަހަރު ބިދޭސީ ކުޅުންތެރިންނާއި ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ މައްސަލައިގައެވެ. އޭގެ ފަހުން ފީފާއިން ވެސް ވަނީ މުސާރައިގެ މައްސަލައިގައި ނިއުއަށް ފިޔަވަޅު އަޅާފައެވެ.

ނިއު އިން ބިދޭސީ ކުޅުންތެރިންގެ މުސާރައިގެ ކަންކަން ހަމަޖެއްސުމުގެ ކަންކަން ނިންމުމާ ގާތަށް އައިސްފައިވާއިރު، ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާގެ ކަންކަމުގައި ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އެއީ ވަކި މުއްދަތެއްގެ ތެރޭގައި ބަހާލައިގެން ދިވެހި ކުޅުންތެރިންނަށް ފައިސާ ދައްކާ ގޮތަށެވެ. އެނގިފައިވާ ގޮތުގައި ދިވެހި ބައެއް ކުޅުންތެރިން ވަނީ ނިއު އިން ދޭން ޖެހޭ ފައިސާގެ ޖުމްލަ އަދަދުން ބައެއް އުނިކޮށްދޭން ވެސް އެއްބަސްވެފައެވެ.

ނިއުއިން ބިދޭސީ ކުޅުންތެރިންގެ ފައިސާ ދައްކާފައި މިވަނީ އަންނަ މަހު ފަށާ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ކުރިން ނިއުގެ ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކުލަބުން އެ ކުލަބުގެ ދަރަނި ދައްކާ މުބާރާތުގައި ބައިވެރިވާން ފަރިތަކުރުންތައް ފަށާފައިވަނިކޮށެވެ. އަދި ނިއުއިން ވެސް އަންނަނީ އެ ޓީމުގެ ކުރީގެ ޑިފެންޑަރު، ސަބާހު އާއެކު ނުރަސްމީކޮށް ފަރިތަކުރުންތައް ފަށައިފައެވެ.