ކުޅިވަރު

ސިޓީން ފުރަތަމަ ފަހަރަށް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން ހޯދައިފި


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބޭއްވި އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗުގައި ކުލަބު ވެމްކޯ ބަލިކޮށް ސްޕޯޓްސް ކުލަބު ސިޓީން ފުރަތަމަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ 2009 ވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނަ ސިޓީން މި ޑިވިޝަނުގައި ހޯދި ފުރަތަމަ ތައްޓެވެ. އަދި މި ފަހަރުގެ މުބާރާތަކީ ވެމްކޯއިން ފިރިހެން ވޮލީގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

ބުރާސްފަތި ދުވަހުގެރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗު ސިޓީން ކާމިޔާބުކޮށްފައިވަނީ ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ވެމްކޯގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގައި ވެމްކޯގެ ފަރާތުން އަންގާރަ ދުވަހުގެރޭ ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށް ކުޅުނު ޕްލޭއޮފް މެޗުގައި ކުޅުނު ކުޅުން ފެނިގެންދިޔައެވެ. އެއާއެކު މި ސެޓު ވެމްކޯއިން ވަނީ ފަސޭހަކަމާއެކު 25-15 އިން ކާމިޔާބުކޮށްފައެވެ.

އެކަމަކު މެޗުގެ ދެވަނަ ސެޓާއި ތިންވަނަ ސެޓުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ދެ ސެޓުގައި ސިޓީގެ ބިދޭސީ ތިން ކުޅުންތެރިން ކަމަށްވާ ވިނާޔަކް ރޮކާޅޭ އާއި، ހަރްދީޕްސިންގް އަދި ވިނީތު ކުމާރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އެއާއެކު މި ދެ ސެޓު ސިޓީން ގެންދިޔައީ 25-19 އަދި 25-19 އިންނެވެ.

މެޗުގެ ހަތަރުވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގެ މެދުތެރިން ވެމްކޯއިން ވަނީ އެޓީމު ކޮޅަށް ނަތީޖާ އަނބުރާލަފައެވެ. އަދި މި ސެޓުގައި ވެމްކޯގެ ކެޕްޓަން އިސްމާއީލް ސާޖިދު (ކުޑަކާއްޓެ) އާއި އަޝްވަލް ރާއީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މި ސެޓު ވެމްކޯއިން ކާމިޔާބުކުރީ 25-23 އިންނެވެ.

މި މެޗުގެ ފަހު ސެޓު ފަށައިގެން ސިޓީން ލީޑު ކޮށްގެން ކުޅުނު ނަމަވެސް، ސިޓީއަށް ލީޑު ފުޅާކުރެވޭ ގޮތް ވަނީ ނުވެފައެވެ. އެކަމަކު މި ސެޓުގެ ފަހުކޮޅު ތަފާތަކަށްވީ ސިޓީގެ ލިބަރޯ އަޙްމަދު ނަބީލް (ނައްބަ) އާއި ކެޕްޓަން ހުޒާމްގެ އިތުރުން ވިނީތެވެ. މި ސެޓު ސިޓީން ކާމިޔާބުކުރީ 19-17 އިންނެވެ.

ފައިނަލް މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ހުސެއިން ޝަރީފް (ނަލަ) ބުނީ މިއީ ކުޅުންތެރިން ދެއްކި ހިތްވަރުން ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި މި ކާމިޔާބީއާއެކު ސީޒަންގައި ކުރިއަށް ހުރި މެޗުތަކަށް ސިޓީން ނުކުންނާނީ މި ކާމިޔާބީ ތަކުރާރުކުރަން ކަމަށްވެސް ނަލަ ބުންޏެވެ.

މެޗަށްފަހު "ޕީއެސްއެމް ސްޕޯޓްސް" އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ސިޓީގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) ބުނީ މެޗުގެ ފުރަތަމަ ސެޓު ދޫވުމުން ދެން ހުރި ސެޓުތަކަށް ކުޅުންތެރިން ނުކުތީ އެއްވެސް ދުލެއް ނުދީ ކާމިޔާބުކުރަން ކަމަށެވެ. އަދި އެކަން ވަރަށް ރަނގަޅަށް ހާސިލުވި ކަމަށްވެސް ހުޒަންޓެ ވަނީ ބުނެފައެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ ސިޓީގެ ހުޒަންޓެ އާއި، ހުސެއިން ޔޫސުފް (ޓޯއި) އާއި، ސިފައިންގެ ޓީމުގެ އާދަމް ނަސީމް (އެޑަމް) އާއި، ހުސެއިން ޝާހިދު (ޝާޑު) އާއި، ގުޑީސް ސްޕޯޓްސް ކުލަބުގެ ހަސަން ނިލާމް (ޕާޓޭ) އާއި، ވެމްކޯގެ އާދަމް ފައިރޫޒް އަދި ޕޮލިހުގެ މުހައްމަދު ނައީމް (ނައިންޓެ) އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ނަލައެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ޕޮލިސް ކުލަބުގެ މާއިޝް އަޙްމަދު ހޯދިއިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވެމްކޯގެ ކުޑަކާއްޓެއެވެ. އަދި ބިދޭސީ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިޓީގެ ވިނީތެވެ.