ކުޅިވަރު

ކާވާގެ އެންމެ މަތީ ޝަރަފު ދުނިޔޭގެ ވޮލީބޯޅައިގެ ރައީސަށް


ސެންޓަރަލް ޒޯން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) އިން ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ޕްރެޒިޑެޓްންސް ގޯލްޑް މެޑެލް، ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުއިއްޔާ އެފްއައިވީބީގެ ރައީސް އަރީ ގްރާސާއަށް އަރުވައިފިއެވެ.

މި ޝަރަފު ގްރާސާއަށް އަރުވާފައި ވަނީ ބުރާސްފަތި ދުވަހު ޕިލިޕީންސްގެ ވެރިރަށް މެނީލާގެ ގްރޭންޑް ހަޔާތު ހޮޓަލުގައި އޮތް އެފްއައިވީބީގެ ޑެލިގޭޓްސް މީޓީންގައި، ކާވާގެ ރައީސް މުޙައްމަދު ލަތީފެވެ.

އެވޯޑާ ގުޅޭގޮތުން ލަތީފް ވިދާޅުވީ ފުރަތަމަ ފަރަށް ކާވާގެ އެންމެ މަތީ ޝަރަފު ގްރާސާއަށް އަރުވަން ނިންމީ ދުނިޔޭގެ ވޮލީބޯޅަ ކުރިއަރުވައި، ޒަމާނީ ކުރުމާއެކު ޓެކްނޮލެޖީ އަދި އިނޮވޭޝަން ވޮލީގެ ތެރެއަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ. 14 ގައުމު ހިމެނޭ ކާވާއިން، ވޮލީއަށްޓަކައި ގްރާސާ ކުރައްވަމުންދާ މަސައްކަތް އަބަދުވެސް ބަލައި ގަންނަ ކަމަށާއި، ގްރާސާއަކީ ވޮލީގެ އެންމެ މަތީ ޝަރަފު ހައްގު ބޭފުޅެއްކަން އަަބަދުވެސް ގަބޫލުކުރައްވާ ކަމަށް ލަތީފް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި 11 ގައުމުގެ ވޮލީބޯޅައިގެ އިސްވެރިންގެ އިތުރުން ގްރާސާ އާއި، އެފްއައިވިބީގެ ޖެނަރަލް ޑިރެކްޓަރު ފާބިއޯ އަޒަވާޑޯ އާއި، އޭވީސީގެ ރައީސް ޑރ. ރީތާ ޝުބާ އާއި، އޭވީސީގެ ޑިވޮލަޕްމަންޓް ޑިރެކްޓަރު ސްޓިމް އާއި، އޭޝިއާ ރީޖަންގެ ޑިރެކްޓަރު ލުއިސް އަދި ވެސްޓާން ރީޖަން އާއި ސައުތު އީސްޓް ރީޖަންގެ އިތުރުން ސެންޓަރަލް ޒޯންގެ ރައީސް ލަތީފް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ގްރާސާ ވަނީ ދުނިޔޭގެ ވޮލީ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ނެޝަނަލް ފެޑަރޭޝަންތަކާއި، ނެޝަނަލް އޮލިމްޕިކް ސޮލިޑަރިޓީ މެދުވެރިކޮށް މެދުވެރިކޮށް ހުރި ފުރުސަތުތަކުގެ މައުލޫމާތުވެސް ވަނީ ދެއްވާފައެވެ.