ޚަބަރު

12 ދާއިރާއަކުން ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލާން ހުޅުވާލައިފި


މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. މި އަހަރު 2 ކެޓެގަރީއަކުން ތަފާތު 12 ދާއިރާއަކުން އިނާމަށް ކުރިމަތިލުމަށް މީޑިއާ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.

ނޫސްވެރިކަމުގެ އިނާމަކީ ނޫސްވެރިން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް، އަދި މި ދާއިރާއިން އިތުރަށް ކުރިއަށްދިއުމަށް ނޫސްވެރިންނަށް ހިތްވަރު ދިނުމުގެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ އެވޯޑެކެވެ.

މި އެވޯޑް ދިނުމުގެ މަޤްޞަދުތަކުގެ ތެރޭގައި މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކުން ތަބާވާންޖެހޭ ހަމަތަކާއި، އަޚްލާޤީ މިންގަނޑުތަކަށް ތަބާވެ، ރަނގަޅު ފެންވަރެއްގައި މަސައްކަތްކުރާ ދިވެހި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުމާއި، ނޫސްވެރިންގެ މެދުގައި އިތުބާރު ދެމެހެއްޓުމާއި، ދިވެހި ނޫސްވެރިންނަށް ހިތްވަރު ދިނުމުގެގޮތުންދޭ ނޫސްވެރިކަމުގެ އިނާމުގެ ކަންކަން ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ގެންދިއުން ހިމެނެއެވެ.

މި އިނާމު މިފަހަރު ދިނުމަށް ނިންމާފައިވަނީ ނޫސް މަޖައްލާ ކެޓަގަރީއާއި ބްރޯޑްކާސްޓިންގ ކެޓެގަރީން ޖުމްލަ 12 ދާއިރާއަކުންނެވެ. މި ދާއިރާތަކުގެ ތެރޭގައި ތަޙްޤީޤީ ނޫސްވެރިކަން، ދެމެހެއްޓެނިވި ތަރައްޤީއާއި އިޖްތިމާޢީ، ސިޔާސީ، ޝަރުޢީ އަދި ޤާނޫނީ، ވިޔަފާރިއާއި އިޤްތިޞާދު، އަދި ކުޅިވަރުގެ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން ފޮޓޯ ޖާރނަލިޒަމް، ވީޑިއޯ ޖާރނަލިޒަމް، ގްރެފިކްސްއާއި އިލެސްޓްރޭޝަންސް، ފީޗަރ، އުންމީދީ ނޫސްވެރިޔާ އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާވެސް ހޮވާނެއެވެ.

މި 12 ދާއިރާގެ ތެރެއިން އުންމީދީ ނޫސްވެރިޔާ، އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ އަދި ފޮޓޯ ޖާރނަލިޒަމް ފިޔަވާ ނޫސް މަޖައްލާ އަދި ބްރޯޑްކާސްޓިންގ ކެޓެގަރީން ވަކިވަކިން ކޮންމެ ދާއިރާއަކުން އިނާމު ދެވޭނެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން އާއްމުކޮށްފައިވާ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުޞޫލުގައިވާގޮތުން، އިނާމު ދެވޭ ދާއިރާތަކުގެ ތެރެއިން އެންމެ އުއްމީދީ ނޫސްވެރިޔާއާއި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ ފިޔަވައި އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާއެއްގައި މަސައްކަތްކުރާ ދިވެހި ނޫސްވެރިންނަށް ފަރުދީގޮތުންނެވެ. އަދި މި 2 ދާއިރާއާއި، ފީޗަރ ދާއިރާ ފިޔަވައި ކޮންމެ ނޫސްވެރިއަކަށްވެސް އިނާމަށް އެދި ހުށަހެޅޭނީ ގިނަވެގެން އެއް ދާއިރާއަކަށެވެ.

މި އިނާމަށް ކުރިމަތިލާ ނޫސްވެރިންނަކީ ރަޖިސްޓްރީކޮށްފައިވާ މީޑިއާއެއްގައި ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހާއި ދެމެދު މަދުވެގެން 9 މަސް ދުވަހު މަސައްކަތްކޮށްފައިވާ ނޫސްވެރިއަކަށް ވާންވާނެކަމަށްވެސް މި އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.

ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މީޑިއާ ކައުންސިލުން ހުޅުވާލާފައިވަނީ 11 އޯގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އަދި އިނާމަށް ނަން ހުށަހަޅާ ފޯމާއި، އިނާމު ދިނުމުގެ އުޞޫލު މީޑިއާ ކައުންސިލުގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށްވެސް އެ ކައުންސިލުން ވިދާޅުވެއެވެ.