މިދިޔަ އަންގާރަ ދުވަހުގެ ހެދުނު ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށް ވަނަ ވަރު އާންމުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ޔޯގާ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުންނާއި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދަށް 60 ދުވަސް، ދެ މީހެއްގެ ބަންދަށް ފަސް ދުވަސް އަދި އަނެއް ދެމީހުންގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށެވެ.
މިމައްސަލައާ ގުޅިގެން އެންމެ ފަހުން ހައްޔަރުކޮށްފައިވަނީ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއަރމަން، ހއ. ހޯރަފުށި/ ޔާގޫތުގެ، މުޙައްމަދު އިސްމާޢީލް (48އ) އާއި، ސ. ހިތަދޫ/ އޯކިޑްވިލާ، އިބްރާހިމް ރައްޒާން (32އ) އާއި ލ. މާމެންދޫ/ ސޯސަންވިލާ، އާދަމް ނިޝާން (38އ) އާއި ގއ. މާމެންދޫ / އަސްރަފީވިލާ، އަޙްމަދު ނަސޫޙް (26އ) އާއި ތ. ތިމަރަފުށި،/ ނަރުގިސްވިލާ، ޢަބްދުﷲ ރިފާޢު (31އ) އާއި ށ. މިލަންދޫ/ ނާޒް، ފަޟްލޫން މުޙައްމަދު (33އ) އެވެ.
އެމީހުންގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އަޙްމަދު ނަސޫޙް އާއި ޢަބްދުﷲ ރިފާޢުއެވެ. ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް މުޙައްމަދު އިސްމާޢީލް އާއި އިބްރާހިމް ރައްޒާންއަށް ދީފައިވާއިރު އާދަމް ނިޝާން އާއި ފަޟްލޫން މުޙައްމަދުއަށް ދީފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ.
އެންމެ ފަހުން ހައްޔަރުކުރި 6 މީހުންނާއެކު މިމައްސަލައާ ގުޅިގެން މިހާތަނަށް ވަނީ 12 މީހަކު ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން މިމަހުގެ 21 ވަނަ ދުވަހުވެސް ހަ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ ހަ މީހުންނަކީ ކ.ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް (43އ) އާއި ކ. މާލެ، މއ.ކަނުހުރާ، މުޙައްމަދު ޛިލްޔަން (37އ) އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ) އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް (40އ) އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން (47އ) އާއި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދު (35އ) އެވެ.
އެ މީހުންގެ ތެރެއިން މުޙައްމަދު ނަދީމާއި މުޙައްމަދު މަޢުޞޫމާއި މުޙައްމަދު ޙުސައިން އަދި އަމީން އަޙްމަދަށް 60 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، މުޙައްމަދު ޛިލްޔަން އާއި ސާމީ ރަޝާދު އިދުރީސްއަށް ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ވިދާޅުވިއެވެ.
މިހާދިސާއާ ގުޅޭ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ އެއްކުރުމަށް އޮންލައިން ޕޯޓަލްއެއް ފުލުހުން ވަނީ ގާއިމްކޮށްފައެވެ. އަދި އެ ޕޯޓަލްއަށް މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ހިއްސާކުރާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދެއްވާފައެވެ.