ވިޔަފާރި

މަޓީގެ ބޯޑު މެމްބަރުންގެ އަދަދު އިތުރުކޮށް، ޗެއަރއަކަށް އެމްޔޫ މަނިކު


މަޓީގެ ބޯޑު މެމްބަރުންގެ އަދަދު އިތުރުކޮށް، މި ދައުރުގެ ޗެއަރމަނަކަށްވެސް މުހައްމަދު އުމަރު މަނިކު އިންތިހާބުކޮށްފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީގެ 32 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ މިއަދު ކުރުނބާ މޯލްޑިވްސްގައެވެ.

މިއީ 2 އަހަރަށް ފަހު މަޓީގެ އޭޖީއެމް ޕިޒިކަލީ ބާއްވާ ފުރަތަމަ ފަހަރެވެ. މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި އެ ޖަމިއްޔާގެ 130 މެންބަރުން ވަނީ ބައިވެރިވެފައެވެ. އަހަރީ އަންމު ޖަލްސާގައި ކުރިއަށްއޮތް ދައުރަށް މަޓީގެ ބޯޑަށް މެމްބަރުން ވަނީ ހޮވާފައެވެ.

މަޓީގެ މިދައުރުގެ ޗެއަރމަނަކަށްވެސް ހޮވާފައިވަނީ ޔުނިވަރސަލް އެންޓަރޕްރައިސަސްގެ ޗެއަރމަން މުހައްމަދު އުމަރު މަނިކެވެ. ވައިސް ޗެއާމަންގެ ގޮތުގައި ހޮވާފައިވާ 2 ބޭފުޅުންނަކީ ހުސެއިން އަފީފާއި ސޮލާހު ޝިހާބެވެ. ސެކްޓަރީ ޖެނެރަލްއަކީ އަހުމަދު ނަޒީރުއެވެ. ޑެޕިއުޓީ ސެކްޓަރީ ޖެނެރަލްއަކީ އައްސަދު އަލީ ހޮވާފައިވާއިރު ފައިނޭންޝަލް ކޮންޓްރޯލަރ އަކީ އަހުމަދު ހަފީޒުއެވެ. ދެން ތިއްބަވަނީ އެގްޒެކެޓިވް ބޯޑު މެންބަރުންނެވެ. އެއީ 9 ބޭފުޅުންނެވެ.

ކުރިން މަޓީގެ ބޯޑުގައި ތިއްބަވަނީ 15 ބޭފުޅުންނެވެ. މިއަހަރު އެ އަދަދު 17 އަށް ވަނީ އިތުރުކޮށްފައެވެ. އަލަށް އިތުރުކުރި ބޯޑު މެންބަރުންނަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މަޙުޖޫބް ޝުޖާޢުއާއި، އެޓްމޮސްފިއަރ ހޮޓެލްސް އެންޑް ރިސޯޓްސްގެ ފަރާތުން ސަނިލް ޕަނިގްރާހީ އާއި މެރިއޮޓް އިންޓަނޭޝަނަލްސްގެ ވައިސް ޕްރެޒިޑެންޓްއެވެ.

މަޓީގެ ބޯޑު ހޮވަނީ ކޮންމެ 1 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މަޓީއަކީ ރާއްޖޭގެ ރިސޯޓްތައް ތަމްސީލްކުރާ މައި ޖަމުއިއްޔާއެވެ. މި ޖަމިއްޔާގެ މެމްބަރުން ހިއްސާވާ ރިސޯޓްތަކުގެ އަދަދު އުޅެނީ ސަތޭކަ ވިއްސަށްވުރެ މަތީގައެވެ.