ދުނިޔެ

ލަވްރޯފްގެ ހަރުކަށި ބަސްތަކެއް ޔޫކްރެއިންއަށް!


ޔޫކްރެއިންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ހޯދުމަށް އެކުލަވާލާފައިވާ މިންސްކް އެއްބަސްވުން ތަންފީޒުކުރުމަށް ޔޫކްރެއިން ސަރުކާރުން އުޒުރުތައް ދައްކަމުންދާ ކަމަށާއި މިއީ ހުޅަނގުން ރަޝިޔާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެގޮތުގައި ބެހެއްޓުމަށް ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް ވިދާޅުވެއްޖެއެވެ.މޮސްކޯގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ލަވްރޯފް ވިދާޅުވީ، ހުޅަނގުގެ ބާރުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނީ މިންސްކް އެއްބަސްވުން ފުރިހަމައަށް ތަންފީޒުކޮށްގެން ކަމަށް އެފަރާތްތަކުން ބުނެފައިވާ ކަމަށެވެ. އެހެން ކަމުން، ޔޫކްރެއިނުން މަސައްކަތް ކުރަނީ މިކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ރަޝިޔާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މުއްދަތު އިތުރުކުރުމަށް ކަމަށް ލަވްރޯފް ވިދާޅުވިއެވެ.ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގެ އިޤްތިސާދް ވަނީ ހީނަރުވެފައެވެ.