ޚަބަރު

ހުކުރު މިސްކިތުގެ އަސްލު ދެމެހެއްޓުން ؛ މުހިއްމު އެކަމަކު ބުރަ މަސައްކަތެއް


މާލޭ ހުކުރު މިސްކިތަކީ ދިވެހީންގެ އިސްލާމީ ވަޙުދަތާއި، ދިވެހީންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ދައްކުވައިދޭ އެންމެ ދުވަސްވީ އެއް ބިނާއެވެ. ހުކުރު މިސްކިތް ބިނާކޮށްފައިވަނީ މީލާދީން 1656ވަނަ އަހަރުއެވެ.

ހުކުރު މިސްކިތް އޭރު ފެންނަން ހުރިގޮތަށް އަންނަން އޮތް ޖީލުތަކަށް ގެންދިއުމަށްޓަކާއި ނެޝަނަލް ސެންޓަރ ފޯރ ކަލްޗަރަލް ހެރިޓޭޖުން އަންނަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެތެރެއިން މިހާރު ފަށާފައިވާ އެންމެ މުހިންމު މަސައްކަތަކީ މިސްކިތުގެ ސްޓްރަކްޗަރަލް ކޮންޒަވޭޝަނާއި ކެމިކަލް ޕްރިޒަވޭޝަންގެ މަސައްކަތެވެ. މިއީ މިސްކިތުގެ ބައިތަކާއި މިސްކިތުގެ ގޯތިތެރޭގައި ހުރި މަހާނަތައް ހިމެނޭހެން، އެ ތަކެތި ޒަމަނީ ގޮތްތައް ބޭނުންކޮށްގެން ރައްކާތެރިކޮށް ބެލެހެއްޓުމުގެ މަސައްކަތެކެވެ.

މި މަސައްކަތަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެދަށުން ފަށާފައިވާ ވަރަށް މުހިންމު މަސައްކަތެކެވެ. 2019ވަނަ އަހަރު މި މަސައްކަތަށް ބޭނުންވާ ސަރވޭގެ މަސައްކަތްތައް، އަރކިއޮލޮޖިކަލް ސަރވޭ އޮފް އިންޑިއާގެ ޚާއްސަ ޓީމަކުންވަނީ ކޮށްފައެވެ. ނަމަވެސް ކޯވިޑްގެ ޙާލަތުގެ ސަބަބުން ޢަމަލީ މަސައްކަތް ނުފެށި އޮތުމަށް ފަހު މިހާރު ވަނީ ސައިޓުގައި މަސައްކަތް ފަށާފައެވެ.

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫނު ވިދާޅުވީ މިވަގުތު ކުރިއަށްދަނީ މިސްކިތުގެ މަހާނަ ގައުތަކާއި، މިސްކިތުގެ ހިރިގަލަށް ދޭންޖެހޭ ކެމިކަލް ފަރުވާ ދިނުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސާފުނުކޮށް ދިގުމުއްދަތެއްވުމުގެ ސަބަބުން ގާތަށް ވަރަށް ބޮޑަށް ހަޑިވެފައިވާކަމަށެވެ. އަދި މިސްކިތް ސާފުކޮށް ދިގުމުއްދަތައް ފެންނާނެހެން ބެލެހެއްޓުމަށް ފެށި މި މަސައްކަތަކީ، އިންޑިއާ ސަރުކާރުން ދިން ވަރަށް މުހިންމު އެހީއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ހިރަފުހާއި ދުއްވާއެއްޗެހީގެ ދުމާއި އެކުލެވިގެން ގާތަށް މިހުރީ ވަރަށް ކަޅުވެ ހަޑިވެފަ. މިހާރު ކެމިކަލް ޓްރީޓްމަންޓްދީ ގާތަށް ސާފުކުރުމުން ވަރަށް ހުދުކޮށް ސާފު ވެއްޖެ." މިނިސްޓަރ ވިދާޅުވިއެވެ.

ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ތާރިޤް ވިދާޅުވީ ގާތަކަށް ދެމުންދާ ކެމިކަލް ޓްރީޓްމަންޓަަކީ ގަލުގައި ޖަހާފައިވާ ފެހި މަރާލުމަށް ދޭ ފަރުވާއެއްކަމަށެވެ. އަދި އެއަށްފަހު ގަލަށް ފެން ދުއްވައިގެން ގައު ސާފުކުރާކަމަށާއި، ރެނދު އަޅާފައިވާ ގާތަށް އިތުރަށް ހަލާކުނުވާނެހެން އެ ރެނދުތައް ބެއްދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންކަމަށް އޭނާ ވިދާޅުވިއެވެ.

"ގަލުގައި ހުރި ރެނދުތައް ބަންދުކުރަނީ ހިރިގާ ކުނޑިކޮށް އެކަމަށް ޚާއްސަ ތެރަހެއް ލައިގެން ހަދާ ޕޭސްޓެއް ބޭނުންކޮށްގެން. އަދި ކުރިން ސިމެންތިން ބެއްދި ގާތައްވެސް އަލުން މިގޮތަށް މި ބަދަލުކުރަނީ. އެއީ މި ތަކެތި ދިގުމުއްދަތައް ރައްކާތެރިކުރަން އެންމެ އެކަށީގެންވަނީ، އެ ގަލުގެ އާއިލާގެ ބާވަތުގެ އެއްޗަކުން ކަމަށްވާތީ" ތާރިޤް ވިދާޅުވިއެވެ.

މިނިސްޓްރީން މި މަސައްކަތް ކުރިއަށްގެންދަނީ މިއީ ފަހުންކޮށްފައިވާ މަރާމާތުގެ މަސައްކަތެއްކަން އިނގޭގޮތަށެވެ. ތާރިޤް ވިދާޅުވީ މި މަސައްކަތް ނިމޭއިރު، މިސްކިތުގެ ބޭރުފުށުން މާބޮޑު ބަދަލެއް ނުފެންނާނެކަމަށެވެ.

މިސްކިތުގެ ފުރާޅަށް ލިބިފައިވާ ގެއްލުންތައްވެސް މަރާމާތު ކުރުން މި ޕްރޮޖެކްޓްގެ ތެރެއިން ކުރިއަށްދާނެއެވެ. އަދި ގަހުގެ މޫތައް ދުވުމުގެ ސަބަބުން މިސްކިތަށް ލިބޭ ގެއްލުން ހުއްޓުވުމަށް، ބިމުގެ އަޑީގައި ކޮންކްރީޓް ބެރިއަރއެއް ރޭނުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

މިއީ އިންޑިއާ ސަރުކާރުގެ އެހީގައި 1.3 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.