ދުނިޔެ

ބިންހެލުމުގައި ޢިމާރާތްތަކުގެ ދަށުވި މީހުން ހޯދަނީ


އަފްޣާނިސްތާނުގެ އިރުމަތީ ސަރަޙައްދަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި ވެއްޓުނު ޢިމާރާތްތަކުގެ ދަށުވި މީހުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. ރިކްޓަރ މިންގަނޑުން 6.1ގެ ބާރުގަދަ މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1,000 އަށްވުރެ މައްޗަށް އަރާފައިވާއިރު، މި އަދަދު އިތުރުވާނެ ކަމަށް ޤަބޫލު ކުރެވެއެވެ.

ވެއްޓުނު ޢިމާރާތްތަކުގެ ދަށުވި މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް، މޫސުން ގޯސްވުމުގެ ސަބަބުން ދަނީ ހުރަސްތައް ކުރިމަތިވަމުންނެވެ. ބޯކޮށް ވާރޭ ވެހި، ބައެއް ސަރަޙައްދުތަކުގައި ކިސަޑު ފޭބުމުގެ ހާދިސާތައްވެސް ވަނީ ހިނގާފައިވެއެވެ.

ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޕަކްތީކާ ޕުރޮވިންސުގެ އޮފިޝަލަކު ބުނީ، ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި ވަނީ ވެއްޓުނު ޢިމާރާތްތަކުގެ ދަށުވެގެން ކަމަށާއި، އެ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައެވެ. މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަމުން ދަނީ ތާލިބާން ސަރުކާރުގެ ދިފާޢީ ވުޒާރާއިންނެވެ.

އެ ސަރަޙައްދުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަކީ ތާލިބާން ސަރުކާރަށް ދަތި ކަމަކަށް ވާނެ ކަމަށް އ.ދ.އިން ޤަބޫލު ކުރެއެވެ. އ.ދ.ގެ ކާރިސާތަކާ ބެހޭ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ޞިއްޙީ ފަރުވާދޭ ޓީމުތަކާއި ޞިއްޙީ ސާމާނު އެ ސަރަޙައްދަށް ފޮނުވަން މިހާރު މަސައްކަތް ކުރަމުންދާ ކަމުގައެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ، ބިންހެލުމާ ގުޅިގެން ރަސްމީ ހައިސިއްޔަތެއްގައި ތާލިބާނުން އަދި މިހާތަނަށް އެމެރިކާގެ އެހީތެރިކަމަށް އެދިފައި ނުވާ ކަމުގައެވެ. ނަމަވެސް، އެމެރިކާގެ އޮފިޝަލުންނާއި ތާލިބާނު ސަރުކާރުގެ އޮފިޝަލުންނާ ދެމެދު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބާއްވާ ބައްދަލުވުމެއްގައި މި ކަމާމެދު މަޝްވަރާ ކުރާނެ ކަމަށް ލަފާކުރެވޭ ކަމުގައި އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވިއެވެ.

އަފްޣާނިސްތާނަށް ބުދަ ދުވަހު އައި ބާރުގަދަ ބިންހެލުމުގެ ލޮޅުންތަކުގެ އަސަރު ޕާކިސްތާނާއި އިންޑިޔާގެ ބައެއް ސަރަޙައްދުތަކަށް ވެސް ކުރިއެވެ. މި ބިންހެލުން އައިސްފައި ވަނީ ޕާކިސްތާނުގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ އަފްޣާނިސްތާނުގެ ރަށެއް ކަމުގައިވާ ޚޯސްތުގެ އިރުދެކުނުން 44 ކިލޯމީޓަރު ދުރު ސަރަޙައްދަކަށެވެ.