ޚަބަރު

މޯލްޑިވިއަންގެ ދަތުރުތައް ބައިނަލްއަޤްވާމީ އިތުރު މަންޒިލްތަކަށް


ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ބައިނަލްއަޤްވާމީ އިތުރު މަންޒިލްތަކަށް ފެށުމަށް މަސައްކަތްކުރަމުންދާކަމަށް އައިލެންޑު އޭވިއޭޝަނުން ހާމަކޮށްފިއެވެ.

ކޯވިޑުގެ ކުރިން މޯލްޑިވިއަންއިން ދިޔައީ ޗައިނާގެ 6 މަންޒިލަކަށް ދަތުރުތައް ބާއްވަމުންނެވެ. އެހެންނަމަވެސް ކޯވިޑާއި ގުޅިގެން އެޤައުމުގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން މި ދަތުރުތައް އޮތީ އަދިވެސް މެދުކެނޑިފައެވެ.

މިހާރު މޯލްޑިވިއަންއިން ބައިނަލްއަޤްވާމީ ޝެޑިއުލް ދަތުރުތައް ބާއްވަމުން ދަނީ އިންޑިއާއަށާއި ބަންގްލަދޭޝްއަށެވެ. އަދި މީގެއިތުރުން ތައިލެންޑުގެ ބެންކޮކަށާއި މެލޭޝިއާގެ ކުއާލަ ލަމްޕޫރަށް ޙާއްސަ ދަތުރުތައް ބޭއްވިއެވެ. އެގޮތުން ކުރިއަށް އޮތް އީދު ބަންދާ ދިމާކޮށް މިހާރުވެސް މި ދެ މަންޒިލަށް ހާއްސަ ދަތުރުތަކުގެ ޓިކެޓުތައް ދަނީ ވިއްކަމުންނެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑު އޭވިއޭޝަނުން މައުލޫމާތުދޭގޮތުގައި، އެކުންފުނިން މިހާރު ބައެއް ޙާއްސަ ދަތުރުތައް މެލޭޝިއާއަށް ބާއްވަމުންދާއިރު، މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އެ މަންޒިލަށް ފެށުމަށް ވިސްނަމުންދާ ކަމަށެވެ. އެގޮތުން އެ ކަމާއި ގުޅޭ ދިރާސާތައް ކުރަމުންދާކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.

އައިލެންޑު އޭވިއޭޝަނުން ބުނާގޮތުން މިއަހަރުތެރޭ ބައިނަލްއަޤްވާމީ އިތުރު މަންޒިލްތަކަށް މޯލްޑިވިއަންގެ ދަތުރުތައް ފެށިގެންދާނެ ކަމަށެވެ.

މޯލްޑިވިއަންއިން ދަނީ އެކުންފުނީގެ ފްލީޓަށް އިތުރު ބޯޓުތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ފަހުކޮޅު އޭޓީއާރުގެ 3 ބޯޓު ފްލީޓަށް އިތުރުވެގެންދާނެ ކަމަށާއި ބޯޓުތައް ހޯދުމަށްޓަކައި ދައްކަންޖެހޭ އެޑްވާންސް ފައިސާވެސް ދައްކަމުންދާކަމަށް އައިލެންޑު އޭވިއޭޝަނުން ހާމަކުރެއެވެ.

އައިލެންޑް އޭވިއޭޝަންގެ ފްލީޓުގައި 22 މަތިންދާ ބޯޓު އޮވެއެވެ. މީގެތެރޭގައި ހިމެނެނީ 11 ސީ ޕްލޭން، އެއާބަސް 321، އެއަރބަސް 320 އަދި ޑޭޝް8 ގެ 9 ބޯޓެވެ.