ޚަބަރު

ހުނަވަރު، ޕްރޮގްރާމްގެ ދަށުން ބަސް ޑްރައިވަރުން ތަމްރީންކުރަނީ


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ ހުނަވަރު ޕްރޮގްރާމްގެ ދަށުން ބަސް ޑްރައިވަރުން ތަމްރީންކުރުމަށް ހުޅުވާލައިފިއެވެ.

އެމްޓީސީސީން ކުރިއަށްގެންދާ ބަސް ޑްރައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމަކީ 3 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން ރަސްމީ މަސައްކަތު ގަޑިތަކުގައި ހަފްތާއަކު 6 ދުވަސްތެރޭ ދުވާލަކު 8 ގަޑިއިރު މަސައްކަތުގެ ތަމްރީން ލިބުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ވެފައިވާ ފަރާތެއް ކަމުގައި ވުމާއި B1 ނުވަތަ B2 ކެޓަގަރީގެ ލައިސަންސް ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައިވުމާއި މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ސިއްހަތު ރަނގަޅު ފަރާތެއް ކަމުގައި ވުމުގެ އިތުރުން ދިވެއްސަކަށް ވާން ޖެހޭނެއެވެ.

އެމްޓީސީސީން ވިދާޅުވީ މި ޕްރޮގްރާމްގެ ބައިވެރިންނަށް 5000 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކު ދޭގޮތަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ޕްރޮގްރާމްގެ ތަމްރީނުކުރުން ހަމަޖެއްސުމުގައި، ކުށުގެ ރެކޯޑެއް އޮތްނަމަ ކުށުގެ ކުޑަ ބޮޑުމިނަށް ބަލައި ތަމްރީނުގެ ފުރުސަތު ނުދިނުމުގެ އިޚްތިޔާރު އެކުންފުންޏަށް ލިބިގެންވާކަމުގައި އެކުންފުނިން ވިދާޅުވެއެވެ.

މި ޕްރޮގްރާމަށް ޝައުގުވެރިވާ ފަރާތްތަކުން ބައިވެރިވުމަށް ހުޅުވާލާފައިވާ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 25ވަނަ ދުވަހުގެ 00:00ގެ ކުރިންނެވެ. އެގޮތުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅޭނެއެވެ.

ގްރޭޓަރ މާލޭ ސަރަޙައްދުގައި ބަހުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާނެ ބަސް ޑްރައިވަރުން ހޯދުމަށްޓަކައި އެކުންފުނިން ވަނީ ބަސް ޑްރައިވަރުންގެ ގޮތުގައި ވަޒީފާ އަދާކުރުމަށް 35 ޖާގައަށް މީގެ ކުރިން ހުޅަވާލާފައެވެ.

އެ ކުންފުނިން ބަސް ޑްރައިވަރުން ހޯދަން އިޢުލާންކޮށްފައިވާއިރު، މި ވަޒީފާއަށް މުސާރައިގެގޮތުގައި އެލަވެންސްތަކާއެކު 14،800 ރުފިޔާއާއި 18،900 ދެމެދުގެ މުސާރައެއް ލިބޭނެއެވެ. ހަމައެހެންމެ މެޑިކަލް އިންޝުއަރެންސްއާއި، ޕަރފޯމަންސް ބޭސްޑް އިންކްރީމަންޓް، ބޯނަސް އަދި ކެރިއަރ ޑިވެލޮޕްމަންޓް ފުރުޞަތުތައް ފަހިކޮށްދެވިގެންދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ގްރޭޓަރ މާލޭ ސަރަހައްދުގައި ފޯރުކޮށްދޭ ބަހުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެމް.ޓީ.ސީ.ސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.