ކުޅިވަރު

ޔުނައިޓެޑުން އެންތަނީގެ ސޮއި ހޯދުމާ ގާތަށް


އަޔަކްސްއަށް ކުޅެމުން އަންނަ ބްރެޒިލުގެ ފޯވާޑް އެންތަނީގެ ސޮއި ހޯދުމާ ގާތަށް މެންޗެސްޓާ ޔުނައިޓެޑް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޔުނައިޓެޑުގެ ކޯޗުކަމާ އަޔަކްސްގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ހަވާލުވުމަށްފަހު އޭނާއާއެކު އަޔަކްސްގައި މަސައްކަތްކުރި ބައެއް ކުޅުންތެރިން ގެންނަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޓެން ހާގް އަޔަކްސްއިން ގެންނަން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި އެންތަނީގެ އިތުރުން، ނެދަލެންޑްސްގެ ޑިފެންޑަރު ޔޫރިއަން ޓިމްބާ އާއި މެކްސިކޯގެ ޑިފެންޑަރު އެޑްސަން އަލްވާޒް ހިމެނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އަޔަކްސް އޮތީ 45 މިލިއަން ޑޮލަރަށް 22 އަހަރުގެ އެންތަނީ ވިއްކާލަން ތައްޔާރަށެވެ. އަދި އެންތަނީވެސް ވަނީ ޔުނައިޓެޑުގެ ހުށަހެޅުމެއް އައިސްފި ނަމަ ގަބޫލުކުރާނެ ކަމަށް ބުނެފައެވެ.

ބްރެޒިލުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބްރެޒިލް ގައުމީ ޓީމުގެ ކޯޗު ޓީޓޭ ވަނީ އެންތަނީގެ ކިބައިގައި ހުރި ބައެއް ހުނަރަކީ ބްރެޒިލްގެ ތަރި ނޭމާގެ ފަރާތުން ފެންނަ ކަންކަން ކަމަށް ބުނެފައެވެ. އަދި އެންތަނީ ޔޫރަޕުގެ ވަރުގަދަ ކުލަބަކަށް ކުޅޭނަމަ ގިނަ ބަޔެއްގެ ލޮލުގައި އޭނާ އަޅައިގަންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ބްރެޒިލުން އޮލިމްޕިކްސްގެ ރަން މެޑަލް ދިފާއުކުރި ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އެންތަނީ ހުރީ މިދިޔަ ސީޒަނުގައި އަޔަކްސްގައިވެސް ތަފާތު ފޯމެއްގައެވެ. އެގޮތުން މިދިޔަ ސީޒަނުގައި އެންތަނީ ވަނީ 32 މެޗުން 12 ލަނޑު ޖަހައި، 10 ލަނޑު ޖަަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ.