ޚަބަރު

ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް، އަންނަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުން


ޤައުމީ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލައި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރަވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިހެން ވިދާޅުވީ ހަނގުރާމައާ ގުޅިގެން ދިރިއުޅުމުގެ ޚަރަދުތައް މައްޗަށް ދިއުމާއި މޫސުމަށް އަންނަ ބަދަލުތައްފަދަ މައްސަލަތަކަކީ މެދުކެނޑުމެއްނެތި ކަންބޮޑުވުމާއި މާޔޫސްކަން އުފެދޭ ކަންތައްތައްކަން ފާހަގަކުރައްވާ ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަމުގެ މައްޗަށް ދެއްކެވި ވާހަކަފުޅުގައެވެ.

އެކަމަނާ މި މޭރުމުން ވާހަކަފުޅު ދެއްކެވީ ރުވާންޑާގެ ކިގާލީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ސީ.އެޗް.އޯ.ޖީ.އެމް) 2022ގެ މަތީ ފަންތީގެ ބައްދަލުވުމުގެ ހަވާސާގައި "ރީ ތިންކިންގ މެންޓަލް ހެލްތު: އަ ކޮމަންވެލްތު ކޯލް ޓު އެމްޕަވަރ، ކެއަރ އެންޑް ޓްރާންސްފޯމް" ގެ ނަމުގައި ކުރިޔަށްދިޔަ ހަރަކާތުގައި ދެއްވި ވަރޗުއަލް ތަޤްރީރުގައެވެ.

މި ތަޤްރީރުގައި އެކަމަނާ ވަނީ ނަފްސާނީ ދުޅަހެޔޮކަމުގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލައި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. ހަމަ އެހެންމެ އެކަމަނާ ވަނީ މިސަރުކާރުން 2019ވަނަ އަހަރުގެ މާރިޗު މަހު، އައި.ޖީ.އެމް.އެޗް.ގައި މެންޓަލް ހެލްތު ސެންޓަރެއް ޤާއިމުކުރައްވާފައިވާކަންވެސް ފާހަގަކުރައްވާފައެވެ.

އެކަމަނާ ވަނީ ނަފްސާނީ ބަލިތައް ތަޙައްމަލުކުރަމުން އަންނަ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ދިނުމުގައާއި ބޭނުންވާ ފަރުވާ ދިނުމުގައި ރާއްޖޭގައި ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ. އެގޮތުން ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގެ ދާއިރާގެ ފަންނީ މީހުން މަދުވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ރާއްޖޭގެ ރަށްތައް ޤުދުރަތީ ގޮތުން އުފެދިފައި ހުންނަ ގޮތުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން މި ދާއިރާއިން މީހުން ހޯދުމުގައި ހުރި ދަތިތަކާއި، ޚިދުމަތް ބޭނުންވާ މީހުން ގިނަވުމުގެ ސަބަބުން ޚިދުމަތް ހޯދަން އިންތިޒާރުގައި މަޑުކޮށްގެން ގިނަ ބަޔަކު އަބަދުވެސް ތިބެންޖެހޭކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެކަމަނާ ވަނީ ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ހަރުދަނާ އަޚްލާޤީ މިންގަޑެއް ހިފެހެއްޓުމުގެ މުހިންމުކަމާއި، މި ދާއިރާ އިތުރަށް ހުޅުވާލައި ފުރުޞަތުތައް ފަހިކުރުމާއި، މި ދާއިރާއިން ދިރާސާކުރުން ފަދަ ނަފްސާނީ ބަލިތަކާ ގުޅޭ ޚިދުމަތްތަކަށް އިންވެސްޓްމަންޓުތައް އިތުރުކުރުމަށް ގޮވާލައްވާފައެވެ.

ރުވާންޑާގެ ކިގާލީގައި މި ޖޫން މަހުގެ 20ވަނަ ދުވަހުން 25ވަނަ ދުވަހަށް ކުރިއަށްދާ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފުރާވަޑައިގެންފައިވާއިރު މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

"ރީތިންކިންގ މެންޓަލް ހެލްތު: އަ ކޮމަންވެލްތު ކޯލް ޓު އެމްޕަވަރ، ކެއަރ އެންޑް ޓްރާންސްފޯމް" ހަރަކާތަކީ ދިރިއުޅުމުގެ އެކި ފަންތިތަކުގެ މެދުގައި ހުރި ފަރަޤުތަކާއި ތަފާތުކުރުންތައް ނައްތާލުމާއި އަތްފޯރާ ފަށުގައި ޞިއްޙީ ޚިދުމަތްތައް ލިބުމަށް ބާރުއަޅައި ކޮމަންވެލްތުން ގެންގުޅޭ ސިޔާސަތަށް ބާރު ލިބޭގޮތަށް ކުރިޔަށްގެންދާ ހަރަކާތެކެވެ.