ޚަބަރު

ޖުލައި މަހު ރިލީޒްކުރާ ހިންދީ ފިލްމުތަކުގެ ލިސްޓު މިއޮތީ


ބޮލީވުޑްގައި ކުރިއަށް ނިކުންނަން ވަރަށް ގިނަ ފިލްމުތައް އެބަހުއްޓެވެ.

މީގެ ތެރޭގައި ގިނަ ބަޔަކު އިންތިޒާރުކުރާ ރީތިވާނެހެން ހީވާ ފިލްމުތައްވެސް އެބަހުއްޓެވެ. މިފަހަރު މި ބަލާލަނީ އަންނަ ޖުލައި މަހު ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ހިންދީ ފިލްމުތަކެވެ.

1: އޯމް - ދަ ބެޓްލް ވިތު އިން

މި ލިސްޓުގައި އެންމެ ފުރަތަމަވެސް މިއޮތީ ވަރުގަދަ ހިންދީ އެކްޝަން ފިލްމެކެވެ.

އަދިތްޔާ ރޯއި ކަޕޫރު ލީޑްރޯލުން ފެންނަ މި ފިލްމަކީ މީގެކުރިން ފިލްމެއްގައި އަދިތްޔާގެ ނުފެންނަ ވަރުގެ އެކްޝަން ސީންތަކެއް ހިމެނޭ ފިލްމެކެވެ. ކަޕިލް ވަރުމާ ޑައިރެކްޓުކުރާ މި ފިލްމު ސިނަމާތަކުގައި އަޅުވާނީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ.

2: ހުދާ ހާފިޒް ޗެޕްޓަރ 2

ދެން މިއޮތީވެސް މިއަހަރު ނެރޭނެ ވަރުގަދަ އެއް އެކްޝަން ފިލްމެވެ.

"ހުދާ ހާފިޒް" ގެ އޮރިޖިނަލް ފިލްމުން ބޮޑު ތަރުހީބެއް ހޯދި ވިދްޔުތް ޖަމްވާލް އަނެއްކާވެސް މި ފިލްމުގެ ސީކުއަލް ގައި ފެންނަން ތައްޔާރުވެއްޖެއެވެ. ފާރޫޤޫ ކަބީރު ޑައިރެކްޓުކޮށްފައިވާ މި ފިލްމު ރިލީޒްކުރާނީ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ.

3: ޝަބާޝް މީތޫ

ސްޕޯޓްސް ބަޔޯޕިކެއް ކަމަށްވާ މި ފިލްމުގެ ލީޑްރޯލުން ފެންނާނީ ތާޕްސީ ޕަންނޫއެވެ.

ތާޕްސީގެ އިތުރުން ވިޖޭ ރާޖް ވެސް ފެންނަ މީގެ ޓްރެއިލާވެސް މިހާރު ވަނީ ދައްކާލާފައެވެ. ޓްރެއިލާއަށް އަންނަނީ ބޮޑު ތަރުހީބެއްވެސް ލިބެމުންނެވެ. މި ފިލްމު ރިލީޒްކުރާނީ ޖުލައި 15 ވަނަ ދުވަހުއެވެ.

އަންހެން ކްރިކެޓް ކުޅުންތެރިޔާ މިތާލީ ރާޖްގެ ވާހަކަ ކިޔައިދޭ މި ފިލްމުގެ ޓްރެއިލާ މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

4: ހިޓް - ދަ ފަސްޓް ކޭސް

ރާޖްކުމާރު ރާއޯއާއި ސަނާޔާ މަލޯތްރާ ފެންނަ މި ފިލްމުވެސް ރިލީޒްކުރާނީ ޖުލައި މަހުއެވެ.

"ހިޓް ދަ ފަސްޓް ކޭސް" އަކީ ހަމަ މި ނަމުގައި ރިލީޒްކޮށްފައިވާ ޓެލުގޫ ފިލްމުގެ ހިންދީ ރީމޭކެވެ. މިއީ އެކްޝަން ތްރިލއަރ ފިލްމްތަކަށް ލޯބިކުރާ މީހުން ބަލާލަން ރަނގަޅު ފިލްމަކަށް ވާނެއެވެ.

5: ޝަމްޝޭރާ

ލިސްޓުގައި ދެން މިއޮތީ ބޮލީވުޑްގެ މިއަހަރުގެ އެންމެ ބޮޑު ފިލްމުކަމަށް ގިނަ ބަޔަކު ބުނަމުންދާ ފިލްމެވެ.

ރަންބީރު ކަޕޫރު، ވާނީ ކަޕޫރު އަދި ސަންޖޭ ދަތް ލީޑްރޯލުން ފެންނަ މި ފިލްމަކީ މިއަހަރު އެންމެ ގިނަ މީހުން އެންމެ އިންތިޒާރުކުރާ އެއް ފިލްމެވެ.

މިއީ 4 އަހަރު ފަހުން ރަންބީރު ސްކްރީނުން ފެންނަ ފިލްމެވެ. މި ފިލްމު ސިނަމާތަކުގައި އަޅުވާނީ އަންނަ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.

6: އެކް ވިލަން ރިޓާންސް

ލިސްޓުގައި ދެންވެސް އޮތީ މިއަހަރު ނިކުންނަނާނެ ކަމަށް ބެލެވޭ ވަރުގަދަ ތްރިލަރ ފިލްމެކެވެ.

"އޭކް ވިލަން" ގެ ބޮޑު ކާމިޔާބީއަށްފަހު މީގެ ސީކުއަލްގެ މިހާރު މިވަނީ ސިނަމާތަކުގައި އަޅުވަން ތައްޔާރުވެފައެވެ. ކްރައިމް ތްރިލަރއެއްކަމަށްވާ މި ފިލްމުގައި ޖޯން އަބްރަހަމާއި، އަރުޖުން ކަޕޫރު، ދިޝާ ޕަޓާނީ، އަދި ތާރާ ސުތާރިއާވެސް ފެންނާނެއެވެ.

މި ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައިވަނީ އަންނަ ޖުލައި މަހު 29 ވަނަ ދުވަހުއެވެ.