ތަޢުލީމު

ސީއެޗްއެސްއީ ކިޔެވުން ކުރީގެ ދަރުމަވަންތަ ސްކޫލްގައި !




ސީއެޗްއެސްއީގެ
ބައެއް ކްލާސްތަކުގެ ކިޔެވުން ދަރުމަވަންތަ ސްކޫލްގެ ކުރީގެ ޢިމާރާތުގައި
ކުރިއަށްގެންދިޔުމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.



އެޑިޔުކޭޝަން
މިނިސްޓްރީން މިގޮތަށް ނިންމަވާފައިވަނީ، އޭލެވެލްގެ ކިޔެވުން މިއަހަރުން ފެށިގެން
މާރޗުމަހު ފެށުމަށް ނިންމުމާއި ގުޅިގެން އެސެންޓަރުގެ ޖާގަ ހުރި ގޮތުން 3
ބެޗެއްގެ ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދިޔުމުގައި ދަތިތަކެއް
ދިމާވާނެތީކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.





އޭ ލެވެލްގެ ކިޔެވުން ޒަމާނުއްސުރެ ރާއްޖޭގައި ފަށަނީ
ޖޫން މަހުގެ ތެރޭގައެވެ. ނަމަވެސް، ސަރުކާރުގެ ސިޔާސަތުގެ ދަށުން އޭ ލެވެލް ފަށްޓަވާ
ތާރީޚް ވީހާވެސް އަވަސް ކުރެއްވުމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމީ، އޭ ލެވެލް
ފެށުމާ ދެމެދު ހުސް ދުވަސްތަކެއް ދިއުމުން ދަރިވަރުންގެ ކިޔެވުމަށް އަންނަމުންދާ
ހީނަރުކަމުން ސަލާމަތްވެ، ދުވަސްތައް ހެޔޮ ގޮތުގައި
ބޭނުންކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ މަޤުޞަދުގައެވެ.



މާރޗްމަހު އޭލެވެލް ކިޔަވަން ފަށާއިރު، ގްރޭޑް 11
އަށް އަލަށް ވަންނަ ބެޗަކާއި، މިހާރުވެސް 11 ގައި ކިޔަވަމުންދާ ބެޗެއް އަދި ގްރޭޑް
12 ގެ ބެޗެއް ސްކޫލްތަކުގައި ކިޔަވަމުންދާނެއެވެ.



ރާއްޖޭގައި އޭލެވެލް އަށް ޚާއްސަކޮށްގެން ކިޔަވައިދޭ
މައި ސްކޫލް ކަމަށްވާ ސީއެޗްއެސްއީއަކީ 1200 އެއްހާ ކުދިންގެ ޖާގައިގެ ސްކޫލެކެވެ.
އެހެންނަމަވެސް މިއަހަރު އަލަށް އެސެންޓަރުގައި ކިޔަވަން ފަށާ ދަރިވަރުންނާއެކު އެޢަދަދު
އިތުރުވެގެންދާނެއެވެ. އެސެންޓަރުގައި މިހާރުވެސް ބާރަސަތޭކައެއްހާ ކުދިން
ކިޔަވަމުންދާއިރު، މިއަހަރު އަލަށް 480 ކުއްޖަށް ފުރުސަތު ދެވިގެންދާނެކަމަށްވެސް ސީއެޗްއެސްއީ
އިން ވިދާޅުވެއެވެ.



އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ
އަޙުމަދު ޝަފީޢު ވިދާޅުވީ އޭލެވެލް ކިޔެވުން ފެށުމަށް ގެނައި ބަދަލާއިގުޅިގެން މިހާރު
އޭލެވެލްއަށް ކިޔަވައިދެމުންދާ ސްކޫލްތަކުގައި ތިން މަހެއްހާ ދުވަހަށް ޖާގައިގެ
ދަތިތަކެއް ދިމާވެގެންދާނެކަމަށެވެ. އެހެންކަމުން ސީއެޗްއެސްއީ އަށް ދިމާވާނެ
ޖާގައިގެ ދަތިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ދަރުމަވަންތަ ސްކޫލްގެ ކުރީގެ
ޢިމާރާތުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާކަމަށް ޝަފީޢު ވިދާޅުވިއެވެ. ޝަފީޢު
ވިދާޅުވީ ދަރުމަވަންތަ ސްކޫލްގައި ކިޔަވައިދިނުމަށް ބޭނުންކުރާނީ އެތަނުގެ
ރަގަޅަށްހުރި ޢިމާރާތުގައިކަމަށެވެ.





ޖާގައިގެ ދަތިކަން ދިމާވެފައިވާ ސީއެޗްއެސްއީ ގައި
އެސެންޓަރުގެ ލެބޯޓްރީ ހުރި ޢިމާރާތްވެސް ވަނީ ބާވެ ބޭނުންނުކުރެވޭ ވަރުވެފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން  ވިދާޅުވީ އެތަން
ބަޖެޓްގެ ތެރެއިން އިމާރާތްކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.





ރާއްޖޭގައި މިދިޔަ އަހަރުގެ ނިޔަލަށް 45
ސްކޫލެއްގައި އޭލެވެލްއަށް ކިޔަވައިދެމުންދެއެވެ. އޭލެވެލްގެ ކިޔެވުން ފެށުމަށް
ހަމަޖެހިފައިވަނީ މާރޗްމަހުގެ 6 ވަނަ ދުވަހުއެވެ.