ޚަބަރު

ބްރިޓްނީ އަނެއްކާވެސް އިންސްޓަގްރާމާއި ދުރަށް


މި މަހުގެ ކުރީކޮޅު ކައިވެނިކޮށްފައިވާ ޕޮޕް ލަވައިގެ ދުނިޔޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް އަނެއްކާވެސް އޭނާގެ އިންސްޓަގްރާމް ފުހެލައިފިއެވެ.

މިއީ ބްރިޓްނީ އޭނާގެ އިންސްޓަގްރާމް އެކައުންޓު ފުހެލި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ މަރިޗްމަހު ވެސް ބްރިޓްނީ ވަނީ އިންސްޓަގްރާމް އެކައުންޓު ފުހެލާފައެވެ.

މީގެ އިތުރުން ބްރިޓްނީ ވަނީ އޭނާގެ އާއިލާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ބައްޕަގެ "އަޅުވެތި" ކަމުގައި އުޅެން ޖެހުނު ދުވަސްވަރު އާއިލާގެ އެންމެންވެސް އޭނާއާއި ދޭތެރޭ ކަންތައްކުރީ ރަގަޅަކަށް ނޫންކަމަށް ބްރިޓްނީ ބުނެއެވެ. އަދި އެނާގެ ދޮށީ ބޭބެ ބްރަޔަން ސްޕިއާސް އަށް ބްރިޓްނީގެ ކައިވެނީގެ ދަޢުވަތު ދުވަހަކުވެސް ނުދޭކަމަށް ބްރިޓްނީ ބުނެއެވެ.

ބްރިޓްނީގެ ދެ ދަރިން ކަމަށްވާ ޝޯން ޕްރެސްޓަން އާއި ޖޯޑަން ޖޭމްސް މިހާރު އޭނާ ބޭނުންނުވާ ކަމަށް ބުނެ މިފަހަރު އެކައުންޓު ފުހެލުމުގެ ކުރިން ބްރިޓްނީ ވަނީ ޝަކުވާ ކޮށްފައެވެ. އާއިލާގެ އެހެން މީހުން ގޮތަށް ބްރިޓްނީގެ ދެ ދަރިންވެސް އޭނާގެ ކައިވެނީގެ ހަފްލާއަކުން ނުފެނެއެވެ.

ބްރިޓްނީ އެންމެފަހުން ކައިވެނިކޮށްފައިވަނީ 2015 ވަނަ އަހަރު ފެށިގެން އޭނާ ރައްޓެހިވެގެން އުޅުނު މިސްރަށް ނިސްބަތްވާ ސޭމް އަސްގަރީ އާއެވެ. މިއީ ބްރިޓްނީގެ ތިން ވަނަ ކައިވެންޏެވެ.