ޚަބަރު

ކުއިކް ސްޓައިލްގެ ނެށުންތަކަށް ގިނަ ބައެއްގެ ސަމާލުކަން


ބޮލީވުޑްގެ ހިޓް ލަވަތައް ކަމަށްވާ "މޭ ކިލާޅީ ތޫ އަނާރީ" ގެ މަޝްހޫރު ލަވަ "ޗުރާ ކޭ ދިލް މެރާ"، "މޭ ހޫ ނާ" ގެ ލަވަ "ތުމްސޭ މިލްކާ ދިލް ކާ" އަދި "ބާރު ބާރު ދޭކޯ" ގެ ރީތި ލަވަ "ކާލާ ޗަޝްމާ" އަށް ޑާންސް ގްރޫޕަކުން ނަށާފައިވާ ރީތި ނެށުންތަކެއް މިފަހުން ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ.

މި ގްރޫޕަކީ ހުޅަނގުގެ މަޝްހޫރު ޑާންސް ގްރޫޕް ކުއިކް ސްޓައިލްގެ ނެށުންތަކެކެވެ. ނޯވޭއަށް ނިސްބަތްވާ މި ގްރޫޕަކީ ހިޕް ހޮޕް ޑާންސް ގްރޫޕެކެވެ.

ވައިރަލްވެފައިވާ ނެށުންތަކާއިބެހޭގޮތުން ގްރޫޕުން ބުނީ މިހާބޮޑު ތަރުހީބެއް ލިބޭނެކަމަށް އެމީހުން ހީވެސްނުކުރާ ކަމަށެވެ. ނެށުމުގެ ދާއިރާގައި 16 އަހަރުވެފައިވާ މި ގްރޫޕުން ވަނީ ދެކުނު ކޮރެއާގެ މަޝްހޫރު މިޔުޒިކް ބޭންޑު ބީޓީއެސްއަށް ވެސް ކޮރިއޮގްރާފް ކޮށްދީފައެވެ. "ބޯއި ވިތް ލަވް"، "ބްލަޑް ސްވެޓް" އަދި "ޓިއާސް" އަކީވެސް ކުއިކް ސްޓައިލުން ބީޓީއެސް އަށް ކޮރެއޮގްރާފް ކޮށްދީފައިވާ ލަވަތަކެވެ.

ހިންދީ ލަވަތަކަށް މި ގްރޫޕުން ނަށާފައިވާ ނެށުމަށް ބޮލީވުޑްގެ މަޝްހޫރު ތަރިންވެސް ވަނީ ކޮމެންޓްކޮށްފައެވެ. މިގޮތުން "ޗުރާ ކޭ ދިލް މެރާ" ލަވައިގެ ނެށުމަށް އަކްޝޭ ކުމާރާއި ޝިލްޕާ ޝެޓީ ވަނީ ތަޢުރީފްކޮށްފައެވެ.

2006 ވަނަ އަހަރު އުފެދުނު މި ގްރޫޕަކީ ޕާކިސްތާނަށް އުފަން ނޯވޭގައި ދިރިއުޅޭ އެއްމާބަނޑު ދެބެން ކަމަށްވާ ސުލައިމާނު މާލިކް އާއި ބިލާލު މާލިކް އެކުވެގެން އުފެއްދި ގްރޫޕެކެވެ. ފަހުން މި ދެބެއިންގެ ރައްޓެއްސެއްކަމަށް ތައިލޭންޑުގެ ނާސިރު ސިރިކާންވެސް ގްރޫޕާއި ގުޅުނެވެ. އޭގެފަހުން 2007 ވަނަ އަހަރު އެއްމާބަނޑު ދެބެންގެ ދޮށީ ބޭބެ އިބުރާރު މާލިކް ވެސް މެނޭޖަރެއްގެ ގޮތުގައި ގުރޫޕަށް ވަނެވެ.

މި ގްރޫޕުން ވަނީ ބައިނަލްއަޤުވާމީ ނެށުމުގެ މުބާރާތެއްގައި ނޯވޭ ތަމްސީލުވެސް ކޮށްފައިވެއެވެ. މީގެއިތުރުންވެސް ނެށުމުގެ ގިނަ މުބާރާތްތަކުގައި ކުއިކް ސްޓައިލުން ވަނީ ބައިވެރިވެފައެވެ. މި މީހުންގެ ޑާންސް ސްޓޫޑިއޯސްވެސް މިހާރު ހުރެއެވެ.